އެސްޓީއޯގެ ކަންތައްތަކާ މެދު މަޝްވަރާކުރުމަށް، އެކުންފުނީގެ ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވާކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ކަންތައްތަކާ މެދު މަޝްވަރާކުރުމަށް ޖޫން 8، 2024 ވާ ހޮނިހިރު ދުވަހު ހިއްސާދާރުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވާކަމަށެވެ. މި ގޮތުން މި ބައްދަލުވުން ކުރިއަށް ދާނީ އެ ދުވަހު 11:00 ގައި އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް، އެސްޓިއޯ ޓްރޭޑް ސެންޓަރުގެ 4 ވަނަ ފަންގިފިލާގައި ކަަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖޫން 7، 2024 ވާ ހުކުރު ދުވަހު 11:00 ގެ ކުރިން އެސްޓީއޯ ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އިތުރަށް އެސްޓީއޯ އިން ބުނީ މިއީ ހިއްސާދާރުންނާއެކު ބާއްވާ ނުރަސްމީ ބައްދަލުވުމެއް ކަމަށް ވުމާއެކު މި ބައްދަލުވުމަށް ޕްރޮކްސީ އައްޔަންކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީކުރާ ތާރީހާ ހަމައަށް އުމުރުން 16 އަހަރު ފުރިފައިވާ ކުންފުނީގެ ހިއްސާދާރުންނަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް އެސްޓީއޯ އިން ބުނީ ޖަލްސާގައި އެއްވެސް އައިޓަމެއް ފާސްކުރަން ހުށަނާޅާނެ ކަމަށެވެ. މި ޖަލްސާގެ އެޖެންޑާގައި އަހަރީ ރިޕޯޓް ޕަބްލިޝް ކުރުމަށާއި އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތު ހުށަހެޅުން އޮންނާނެ ކަމަށެވެ. އަދި ކުންފުނީގެ ސްޓްރެޓީޖިކް ކަންކަމާމެދު ހިއްސާދާރުންނާއެކު މަޝްވަރާކުރުން ކުރިއަށްދާނެކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. އިތުރަށް އެ ކުންފުނިން ބުނީ މި ބައްދަލުވުމުގައި ހިއްސާދާރުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ.