މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ފުލުހުން ދެ ދިވެހިން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މި ދެ މީހުން ހޯދަމުން ދަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.
އަދި ދެ މީހުންވެސް ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވި ނަމަވެސް، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުން ވަނީ އެ ދެ މީހުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.
ފުލުހުން ހޯދަމުންދާ ދެ މީހުންނަކީ:
- އަލީ ރަޝީދު، ކ.މާލެ / ދަފްތަރު.ނަމްބަރު 1387 (45އ)
އައިޑީ ކާޑު ނަންބަރު: A321834
- ލުގުމާން އިސްމާޢީލް، ކ. މާލެ /ހ.އަނަސަމް (31އ)
އައިޑީ ކާޑު ނަންބަރު: A166814
މި ދެ މީހުންވެސް ހޯދަމުން ދަނީ މައްސަލަައިގައި ސުވާލު ކުރުމަށް ކަމަށްވާއިރު 2024 ޖޫން 10 ވަނަ ދުވަހުގެ 14:00 އަށް ށ. ފުނަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް ފުލުހުން އެދިފައިވެއެވެ.
މަކަރާއި ހީލަތުން އެތައް ބައެއްގެ ރުފިޔާ ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުންދާއިރު މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ފުލުހުން ދަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށް ފުލުހުން ބުނެއެވެ