ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި ވަޒީރުންގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުންގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގއި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 113 ވަނަ މާއްދާގެ (ބ) ގެ ދަށުން އެ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާލާފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 29 ގައި ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުން ވަނީ 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންޑާރަނައިބު އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ބަންޑާރަ ނައިބު އުޝާމަށް ފެންނަ ކަމަށް 24 އަދި ނުފެންނަ ކަމަށް 44 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އިސްލާމިކް މިނިސްޓަރު ޝަހީމަށް ފެންނަ ކަމަށް 30، ނުފެންނަ ކަމަށް 31، ވަކިކޮޅަކަށް ދޭން ބޭނުންނުވާ 8 މެމްބަރުން ތިއްބެވެ. އަދި ހައުސިން މިނިސްޓަރު ހައިދަރަށް ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 46 މެމްބަރުން ވަނީ ވޯޓު ދީފައެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 66 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.
މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެއަށްފަހު 9 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. ވުމާއެކު ޕީއެންސީގެ މެންބަރުގެ ޖުމްލަ އަދަދަކީ 75 އެކެވެ.