ގދ. ގައްދޫގެ އިހުތިސާސްތަކުގެ ތެރޭގައި ހިމެނޭ ގދ.ގަން ވިޔަފާރި އުސޫލުން ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގައްދޫ ކައުންސިލުން ބުނީ ގަމަކީ އެ ރަށުގެ އިހްތިސާސެއް ކަމަށް ކަނޑައަޅާފައިވާ ރަށަކަށްވާއިރު އެރަށުގެ ލޭންޑް ޔޫސްޕްލޭން ހެދުމާ ހަމަޔަށް ވިޔަފާރި އުސޫލުން އެރަށް ބެލެހެއްޓުމަށް އެދޭ ފަރާތަކަށް އެކަމަށް ހުޅުވާލާކަމަށެވެ. އެ ގޮތުން ވިޔަފާރި އުސޫލުން ގަން ބެލެހެއްޓުމަށް ދޫކުރާ މުއްދަތަކީ 05 އަހަރު ދުވަސްކަމަށް ގައްދޫ ކައުންސިލުން ބުނެފައިވެއެވެ. އަދި ގަން ބެލެހެއްޓުމުގައި ހަވާލުވާފާރާތަކުން ގަން ބަލަހައްޓަން ވާނީ ގަމުން ނަފާ ހޯދައިގެން ކަމަށްވެސް ގައްދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގައްދޫ ކައުންސިލުން ބުނީ ގަން ބެލެހެއްޓުމަށް ހަވާލުވާ ފަރާތަކުން ގައްދޫގެ އެއްވެސް ރައްޔިތަކު އަތުން އެއްވެސް ވަރެއްގެ ފީއެއް ނަގައިގެން ނުވާނެ ކަމަށާއި އެހެންނަމަވެސް ބިދޭސީ ފަރާތްތަކުން ގަމަށް އަރާނަމަ ރަމްޒީގޮތުގައި 01 ޑޮލަރަށްވުރެ ބޮޑުނޫން އަދަދެއްގެ ފީއެއް ނެގިދާނެކަމަށެވެ. މީގެ އިތުރުން ގައްދޫގެ ރައްޔިތުން މިހާރުވެސް ގަމުގައި ހައްދާފައިވާ ދަނޑުބިންތަކާ، އެދަނޑުބިންތަކާ އިންވެގެން ހައްދާފައިވާ އެކިއެކި ބާވަތްބާވަތުގެ ގޮވާންތަކަކީ އެތަކެތި ހެއްދިފަރާތުގެ ތަކެތި ކަމަށާ ގަން ބެލެހެއްޓުމަށް ހަވާލުވާ ފާރާތުން އެތަކެތީގެ ބޭނުން ކޮށްގެން ނުވާނެ ކަމަށް ގައްދޫ ކައުންސިލުން ބުނެފައިވެއެވެ. އެހެންނަމަވެސް މި ތަންތަން ފިޔަވައި ގަމުގެ އެނޫން ސަރަހައްދު ތަކުގައި ހުރި ރުއްގަސްތަކާ އެހެނިހެން ތަންތަނުގެ ބޭނުން ގަންބެލެހެއްޓުމާ ހަވާލުވާ ފާރާތުން ނަފާހޯދުމަށް ބޭނުންކުރެވޭނެ ކަމަށް ކައުންސިލުން ބަނީ ބުނެފައެވެ. އަދި ސަރުކާރުން މަނާކޮށްފައިވާ އެއްވެސް އެއްޗެއްގެ ބޭނުންކުރަންވާނީ ސަރުކާރުގެ ކަމާއިބެހޭފާރާތްތަކުން ނަގަންޖެހޭ ހުއްދަ ހޯދުމަށް ފަހު ކަމަށެވެ.

އިތުރަށް އެ ކައުންސިލުން ބުނީ ގަން ބެލެހެއްޓުމަށް ހަވާލުވާ ފަރާތުން ޕިކްނިކް އޭރިޔާގެ ގޮތުގައި ބޭނުންކުރާ ސަރަހައްދު އެ އިދާރާގެ މަޝްވަރާގެ މަތިން ސާފުކޮށް ތަރައްގީކުރުމަށް މަސައްކަތް ކުރަން ވާނެކަމަށެވެ.