އެމްއެންޑީއެފްގެ ޓްރެއިނިންއެއް ހަދަމުން ދަނިކޮށް މަރުވި ލާންސް ކޯޕްރަލް މުހައްމަދު ޒައިދާންގެ ހަށިގަނޑު ރ. އުނގޫފާރަށް ގެންގޮސްފިއެވެ.

ލ. ކައްދޫގެ އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރުން މޫދުގައި ކުރިއަށް ގެންދިޔަ ޓްރެއިނިންއެއް ހަދަމުން ދަނިކޮށް މިޔަރެއް ހަމަލާދިނުމުގެ ސަަބަބުން ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ރ. އުނގޫފާރު އުމުރުން 23 އަހަރުގެ މުހައްމަދު ޒައިދާންއެވެ.

ޒައިދާންގެ ފަލަމަސްގަނޑަށް މިޔަރު ދިން ހަމަލާއާ ގުޅިގެން އޭނާ މަރުވެފައި ވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރު ވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޒައިދާންގެ ހަށިގަނޑު ވަޅުލުމަށްޓަކައި އުނގޫފާރަށް ގެންގޮސްފައި ވާއިރު އެމްއެންޑީއެފްގެ ގިނަ އަދަދެއްގެ ސިފައިން ވަނީ އޭނާގެ ޖަނާޒާގެ ކަންކަމުގައި އެ ރަށަށް ގޮސްފައެވެ. އަދި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރަސްމީ އިއްޒަތުގައެވެ.

ކަށުނަމާދު އޮންނާނީ އެ ރަށު ދުއްތޫރު އަސާސީ އަފްރާޝީމް އަލީ މިސްކިތުގައި މިއަދުގެ ވަގުތެއްގައެވެ.