އައްޑޫ ސިޓީގެ ފެނުގެ މައްސަލައާ ގުޅިގެން މިދިޔަ ސަރުކާރުގެ އިހުމާލާއި މި ސަރުކާރުގެ މަސައްކަތް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތިލަކޮށްދެއްވައިފިއެވެ.

ޝުޖާއު މިފަދައިން ވާހަކަދައްކަވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫއަށް ފެނަކައިން ދެމުން އައި ފެނުގެ ހިދުމަތް ނުލިބޭތީ ރައްޔިތުން މަޖިލީހަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު އައްޑޫ ސިޓީގެ ރަށްތަކުގެ ފެނުގެ ހާލަތު ފުރަތަމަ ބަލާލަން އެބަ ޖެހޭ ކަމަށާއި ލިބިފައިވާ މައުލޫމާތުގައި އެ ރަށްތަކުގެ ފެނުގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ނެޓްވޯކްގެ ފެނުގެ ސްޓޯރޭޖްތައް މެއިންޓެނެންސް ނުކުރުމުގެ ސަބަބުން ހުރީ ދަބަރަށް ގޮސް ހުސްވެފައި ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވީއިރުގައި ފެނަކައިގެ ހާލަތު އޮތީ 4.6 ބިލިއަނުން ކުންފުނި ދަރުވާލާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު--
"އަޅުގަނޑުމެން އޭރު ހިތަށް އަރަމުން ދިޔަ ކިހިނެތްވެގެންބާއޭ އޭރުގައި ހިލޭ ޓީވީ ބަހަމުން މިގެންދަނީ ފެނަކައިގެ ފަރާތުން. ބަލާލިއިރުގައި ވައްކަމުގެ ތެރެއިން ސިލްސިލާކޮށް ކުރެވޭ ކަންތައްތަކުގެ ތެރެއިން މިކަން ހިނގަމުންދަނީ"
ޝުޖާއު

އައްޑޫގެ ފެނުގެ އެ މައްސަލައަކީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ސަރުކާރުން މި މައްސަލަ ހައްލުކުރަން ކުރެވިފައިވާ މަސައްކަތްތަކަކީ ކޮބައިތޯ ދެނެގަަންނަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީގެ ހުރިހާ ދާއިރާތަކެއް ތަމްސީލްކުރަމުން ގެންދިޔައީ އެމްޑީޕީގެ މެންބަރުން ކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އިބްރާޙިމް ސޯލިހު ކެމްޕެއިން ކުރައްވަމުން ގެންދެވިއިރުގައި ރަނިންމޭޓަކަށް ހުންނެވީ އައްޑޫ ބޭފުޅެއް ކަމަށާއި މަޖިލީހުގެ ރިޔާސަތުގައި ވެސް އިންނެވީ އައްޑޫ ބޭފުޅެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެއާއެކު ޝުޖާއު ވަނީ އައްޑޫ ފެނުގެ މައްސަލަ ހައްލުކުރަން އެމްޑީޕީގެ ވެރިކަމުގައި ކުރެވިފައިވާ ކަންތައްތަކަކީ ބަލާލަން ޖެހޭ ކަމަށާއި އެ މައްސަލަ ހައްލުކުރަން މި ސަރުކާރުގައިވެސް ކުރަމުންދާ އަދި ކުރެވިފައި ހުރި މަސައްކަތްތަކަކީ ކޮބައިތޯވެސް ބަލަން ޖެހޭ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މަޖިލީހަށް ކުއްލި މައްސަލައެއްލުމަކީ އޭގެ ހަގީގަތެއް އެކުލެވިފައިވާ ކަމެއް ނޫންކަން ސާފުކޮށް ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ ކަމަށެވެ. އަދި މި ސަރުކާރުގެ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީއިން އެ މައްސަލަ ހައްލުކުރުމަށްޓަކައި 256 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށާފައިވާ ކަމަށާއި ބޯ ހޯލެއް އަޅައިގެން އިތުރަށް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އެއީ ވަރަށް ބޮޑު އިހުމާލުތަކެއްވުމުގެ ސަބަބުން ހައްލު ނުވެ އޮތް މައްސަލައެއް ކަމަށާއި ފެނާއި ކަރަންޓްގެ މައްސަލަތައް ހައްލުކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.