'ކޫލް ސްކޫލެއް'ގެ ސަބަބުން ދަރިވަރުންގެ ހިތަށް ފިނިކަން ލިބި، އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ކްލާސްރޫމްތައް ފިނިކުރުމަށް ސަރުކާރުން މިއަދު ފެށި 'ކޫލް ސްކޫލް' މަޝްރޫއު ކ. މާފުށި ސްކޫލްގައި އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދުދެއްވީ ރައްޔިތުންނާ ބައްދަލުކުރުމަށް އެމަނިކުފާނު ރަށްރަށަށް ވަޑައިގެން، ދަރިވަރުންގެ ކިޔެވުން ކުރިއަށްދާ ގޮތް ބެއްލެވުމަށް ފަހު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ 30 ޕަސެންޓު އިޔާދަކުރުވަނިވި ހަކަތައިގެ ނިޒާމަށް ބަރޯސާވެގެން ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދުދެއްވި ކަމަށާއި، އެފަދައިން އެމަނިކުފާނު އިރުޝާދުދެއްވީ މި މަޝްރޫއަށް ހޭދަވާ ވަރަށް ވުރެ އިތުރަށް 38 ޕަސެންޓު ކަރަންޓު ބިލަށް ހޭދަވާނެތީ ހަރަދު ކުޑަކުރުމަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާމު 'ކޫލް ސްކޫލެއް'ގައި ހިތަށް ފިނިކަން އަންނާނެ، އުފާވެރިކަން އިހުސާސްވާނެ، ފިނިކަމާ އެކުގައި ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެހޮ ބަދަލުތަކެއް އަންނާނެ، ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ، ހިތްއުފާ ވާނެ ޖުމްލަ ގޮތެއްގައި ބުނާކަމުގައި ވަނީ ނަމަ، ބުލީއެއް ނުކުރާނެ، ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނުއެއް އޮންނާނެ،" މަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ހަމަ އެހެންމެ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކަށް ވާން ވާނީ ދަރިވަރުން ރަނގަޅަށް ތަރުބިއްޔަތުކުރެވޭނެ ފަދަ، ކާމިޔާބު އިންސާނެއް އުފެއްދުމަށް ބޭނުންވާ ތައުލީމު ހާސިލްކުރެވޭނެ ފަދަ ވެއްޓަކަށް ސްކޫލްތައް ހެދިގެން ދިއުން ކަމަށް، އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ އަގުބޮޑު ކަމަށާއި މި މަޝްރޫއު ހިންގާނީ ކިހިނެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީ އެކަމަށް ވެސް މިނިސްޓަރު ރައްދު ދެއްވިއެވެ.
"އޭގެ ޖަވާބަކީ ރައީސް ވިދާޅުވަނީ ތައުލީމަށް ކުރާ ހޭދަޔަކީ އެއީ ގެއްލެނިވެގެން ދާނެ އެއްޗެއް ނޫނޭ،" މިހެން ވިދާޅުވި ނަމަވެސް، މި މަޝްރޫއަށް ދާނެ ހަރަދުގެ ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.
މި ސަރުކާރުން ތައުލީމަށް ހަރަދުކުރުމަށާއި ދަރިވަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި މި މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
މި މަޝްރޫއުގެ ސަބަބުން ވަޒީފާގެ އާ ބާޒާރެއް ރާއްޖޭގައި ހުޅުވިގެން ދާނެ ކަމަށާއި، އެގޮތުން އޭސީ މަރާމާތުކުރާނެ މީހުންނާއި ޓެކްނީޝަނުން ތަމްރީނުކުރެވި، ރަށްރަށުން އާމްދަނީ ލިބޭނެ ގޮތްތައް ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.