އިޒްރޭން ގާޒާ ތަޅާ ސުންނާފަތިކުރަމުން ގޮސް މިހާރު ސަލާމަތުން އޮތް ހަމައެކަނި ސަރަހައްދު ރަފާއަށް ވެސް ވަދެގަންފައި ވާ އިރު, ހަމަލާތައް ހުއްޓުވައި ސުލްހަ ގާއިމު ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ސުލްހައިގެ ޕްލޭން ބަލައިގަތުމަށް ގައުމުތަކުން އިޒްރޭލާއި ހަމާސް އަށް ގޮވާލަން ފަށައިފިއެވެ.
އެގޮތުން, ގަތަރު, މިސްރު, އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އެކަމަށް ގޮވާލައި ބުނެފައި ވަނީ ބައިޑަންގެ ހުށަހެޅުމަށް އަވަހަށް އެއްބަސް ވުމަށެވެ.
މި ހުށަހެޅުމާ ގުޅިގެން ހަމާސްގެ އޮފިޝަލުން ބުނެފައި ވަނީ އެއީ 'ޕޮޒިޓިވް' ހުށަހެޅުމެއް ނަމަވެސް އެ ހުށަހެޅުން ލިޔުމުން އަދި ނުލިބޭ ކަމަށާއި ގޮތެއް ނިންމާނީ ލިޔުމުން ލިބުމުން ކަމަށެވެ.
އިޒްރޭލު ސަރުކާރުގެ ތެރޭގައި މި ހުށަހެޅުމާ މެދު ހިޔާލު ތަފާތުވެފައި ވީ ނަމަވެސް އިގިކޮޅު ލީޑަރާއި އެހެން ބައެއް ވަޒީރުން ވަނީ އިމަޖެންސީ ބައްދަލުވުމެއް ބާއްވައި ބައިޑަންގެ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ނަތަންޔާހޫ އަށް ގޮވާލާފައެވެ.
މި ހުށަހެޅުމާ ގުޅޭ ގޮތުން ނަތަންޔާހޫ މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވާ އިރު އޭނާގެ ސަރުކާރުގައި ހިމެނޭ ހަރުކަށީ ކޯލިޝަން ބައިވެރިންގެ ތެރެއިން 2 މީހަކު ވަނީ އެ ހުށަހެޅުމާ އެއްބަސް ވެއްޖެ ނަމަ ސަރުކާރު އުވާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
މިކަމާ ގުޅިގެން އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ބުނީ, ހަރުކަށި ލީޑަރުން އެ ދައްކާ ވާހަކައިން ގައުމީ ސަލާމަތަށް ވެސް ނުރައްކާ ވާ ކަމަށާއި ހަމާސް އިން ރަހީނު ކުރި މީހުންނާއި އިޒްރޭލުގެ އުތުރާއި ދެކުނަށް ވެސް ނުރައްކާ ވާނެ ކަމަށެވެ. ހަރުކަށީ ލީޑަރުންނަށް އިޝާރާތް ކޮށް ލަޕިޑް ބުނީ އެމީހުން ބޭނުން ވަނީ އިޒްރޭލުގައި އަބަދު ހަނގުރާމަ އޮންނަން ކަމަށެވެ.
ބައިޑަންގެ ހުށަހެޅުމުގައި 3 މަރުހަލާއެއް ހިމަނާފައި ވާއިރު ފުރަތަމަ ފޭސްގައި ހަމަލާތައް 6 ހަފްތާއަށް ހުއްޓާލައި އެ މުއްދަތުގެ ތެރޭގައި ސުލްހައަށް މަގުފަހިކުރުމަށް އިތުރު ވާހަކަތައް ދެއްކުމާއި ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން ބަޔަކު މިނިވަން ކުރުން ހިމެނެއެވެ. ހަމައެހެންމެ އިޒްރޭލުން ރަހީނު ކުރި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރުމަށްވެސް ހިމަނާފައި ވެއެވެ. އިތުރު ފޭސްތައް ނިމޭ އިރު ގާޒާއިން އިޒްރޭލު ސިފައިން ފޭބުމާއި ގާޒާގައި އާ ސަރުކާރެއް އެކުލަވާލުން ހިމެނެއެވެ.
ބައިޑަންގެ ޕްލޭން ބިނާވެފައިވަނީ ހަމައެކަނި ފަލަސްތީންގެ އަތްދަށުގައި ތިބި ޔަހޫދީ ރަހީނުން މިނިވަން ކުރުމަށް އެކަންޏެވެ. ވީމާ ރަހީނުން މިނިވަން ކުރަންވާނީ ކޮންމެ ޔަހޫދީ ރަހީނަކަށް އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރު ވެފައި ތިބި ސަތޭކަ މީހުން ދޫކޮށްލާ ގޮތަށެވެ. މީހަކަށް މީހެއް ނޫނެވެ.