މީހަކު ރަހީނުކޮށް ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާ 43 އަހަރުގެ ދިވެހި އަންހެނެކެވެ. މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށްފައިވާއިރު ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައެވެ.
މި މީހުން ބަންދު ކުރުމަށް ނެރުނު ކޯޓު އަމަރުގައި ބުނެފައިވަނީ މި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މީހަކު ކޮޓަރިއަކަށް ވައްދާ، ތޫނު ހަތިޔާރުން ބިރު ދައްކައި އެ މީހާގެ އަތުން ފައިސާ ފޭރުނު މައްސަލައެކެވެ. މީގެ އިތުރުން ކޯޓު އަމުރުގައި ބުނެފައިވަނީ ފުލުހުން ހުށަހެޅި ސެކިއުރިޓީ ކެމެރާ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއެކު ތުހުމަތެއް ވުޖޫ ދުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފަހަކަށް އައިސް މީހުން ރަހީނުކޮށް ފޭރޭ މައްސަލަ އަންނަނީ އިތުރުވަމުންނެވެ. މި ގޮތުން މި މަހުގެ 25 ގައި ނޭޕާލު މީހަކު ރަހީނުކުރި މައްސަލާގައި ބަންގްލަދޭޝްގެ ތިން މީހަކުވަނީ ހައްޔަރުކޮށްފައެވެ.