ވީހާވެސް ގިނަ ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދަން ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަރުގެ ދަށުން އިންޑިއާ އަށް ވެސް ހުށަހެޅުމެއް ލިބިއްޖެ ނަމަ ބަލައިގަންނާނެ ކަމަށް އެގައުމުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހަފްތާއަކު އެއްފަހަރު ބާއްވާ ޕްރެސްގައި އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ރަންދީރް ޖައިޝްވާލް ވިދާޅުވީ, ރާއްޖެ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިންޑިއާއިން ހުށަހެޅި ކަމަށް ބުނާ ވާހަކަތެއް ދިވެހި ނޫސްތަކުން ފެނިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެފަދަ ހުށަހެޅުމެއް އިންޑިއާ އިން ދިވެހި ސަރުކާރަށް އަދި ހުށަހަޅާފައި ނުވާނެ ކަމަށެވެ.
އޭނާ އިޝާރާތް ކުރެއްވީ, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބޭއްވި ޕްރެސް އެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިންޑިއާއިން އިސްވެ ހުށަހަޅާފައި ވާ ކަމަށް ވިދާޅުވެ ދައްކަވާފައި ވާހަކަ އަށެވެ.
މެއި 25, 2024 ގައި މިނިސްޓަރުގެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ޕްރެސްގައި ސައީދު ވިދާޅުވެފައި ވަނީ, ސަރުކާރުގެ ސިޔާސަތަކީ ވީހާވެސް ގިނަ ގައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުން ކަމަށާއި އިންޑިއާ އާއެކު ވެސް އެފަދަ އެއްބަސްވުމެއް އެކުލަވާލުމަށް ވާހަކަ ދެކެވެމުން ދާ ކަމަށެވެ. އަދި 2004 ގައި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި އެކުލަވާލެވުނު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް )ސަފްޓާ( އަދިވެސް ދެމިއޮތް ކަމަށް ވިދާޅުވިއެވެ.
އެކަން އެހެން އޮތް ނަމަވެސް އިންޑިއާ އާއެކު އެއްބަސްވުމެއް ހަދަން ވާހަކަ ދެކެވޭ ކަމަށް އޭނާ ވިދާޅުވެފައި ވާތީ ޖައިޝްވާލް ވިދާޅުވީ, ރާއްޖެއިން އެފަދަ ހުށަހެޅުމެއް ލިބިއްޖެ ނަމަ ނުވަތަ ރާއްޖެއިން އިންޑިއާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން އެދި ހުށަހަޅައިފި ނަމަ ބަލާނެ ކަމަށެވެ.
ރާއްޖެއިން އެކި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން ދާ އިރު މި ސަރުކާރާ އެންމެ ގާތް ބޭރުގެ ބައިވެރިޔާ ޗައިނާ އާއެކު މިހާރުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެބައޮތެވެ. އަދި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަ ކުރުމަށާއި ފައިސާ ދެއްކުމުގައި އިތުރު ފަސޭހަތައް ހޯދުމަށް ޗައިނާގެ ވީޗެޓްޕޭ ފަދަ ހިދުމަތްތައް ވެސް މިހާރު ވަނީ ރާއްޖެއަށް ތައާރަފު ކޮށްފައެވެ. އަދި އިންޑިއާ އާއި ޗައިނާ އާއެކު ކުރާ ވިޔަފާރިއަށް އަގު ދެއްކުމުގައި އެގައުމުތަކުގެ ފައިސާއިން އަގު ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވާހަކަތައް ކުރިއަށް ދާކަމަށް އެ ދެގައުމާއި ދިވެހި ސަރުކާރުންވެސް ވަނީ ހާމަ ކޮށްފައެވެ. އެހެން ވެއްޖެ ނަމަ, ރާއްޖެއަށް މުދާ އެތެރެކުރުމަށް ހޯދަން ޖެހޭ އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރެވި މިހާރު ކުރަން ޖެހޭ ހޭދައިން 1.5 މިލިއަން ޑޮލަރުވަރު ސަލާމަތް ކުރެވޭނެ ކަމަށް ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.