ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރި ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) އަށް އަންނަ އަހަރުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައިސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެފްޓީއޭ އަށް އަމަލު ކުރަން ފެށުމުން، ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ 91 ޕަސަންޓު މުދަލަށް [ބާވަތްތައް] ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށާއި، ޑިއުޓީ ނުދައްކާ ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވުމުން، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

މީގެއިތުރުން އެކި ބާވަތުގެ މުދާ އެކްސްޕޯޓް ކުރުމުގައާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ބޮޑެތި ފައިދާތަކެއް ރާއްޖެއަށް ކުރާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ ބާވަތްތަކުން 0 ޕަސަންޓު ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ. އޭގެތެރޭގައި ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މި އެފްޓީއޭ އާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވީ މިހާރު ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރު ވިޔަފާރި އެބަ ކުރެވޭ ކަމަށާއި ދެ ގައުމުގެ ދެމެދުގައި ހެދުނު އެފްޓީއޭ އަށް އަމަލުކުރަން ފެށުމާއެކު އެ އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ.

ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު 2014 ވަނަ އަހަރު ސޮއިކޮށްފައި ވާއިރު، މި އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ވަނީ ރުހުން ލިބިފައެވެ. ނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން ވަނީ މަޑުޖެހިފައެވެ.