މުޅި ދުނިޔޭގެ އިގުތިސޯދީ ހަރަކާތްތަކުގެ 3 ބައިކުޅަ 1 ބައި ހިއްސާކުރާހާ ބާރު ލިބިފައިވާ 14 ގައުމަކާއެކު ޗައިނާއިން، މިނިވަން ވިޔަފާރީގެ ރޮނގުން މުޅި ދުނިޔޭގައިވެސް މިހާތަނަށް އެކުލަވާލި އެންމެ "ބިޔަ" ވިޔަފާރި އިއްތިހާދު އެކުލަވާލައިފިއެވެ.
މި އިއްތިހާދީ އެއްބަސްވުމަކީ، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއިން ކުރިމަތި ކުރިވި އިގުތިސޯދީ ހީނަރުކަމުން އަރައިގަނެ، އާރާސްތު ކުރުމަށް އެހީވެދިނިވި އެއްބަސްވުމަކަށް ވާނެ ކަމަށް އޭޝިއާ ބައްރުން ދެކެއެވެ.
ރީޖަނަލް ކޮމްޕްރިހޭންސިވް އިކޮނޮމިކް ޕާޓްނާޝިޕް ނުވަތަ އާރްސެޕްގައި ގައުމުތަކުން ސޮއިކުރީ، މިހާރު ވާޗުއަލް ޕްލެޓްފޯމްގައި ކުރިއަށްދާ 10 ގައުމު އެކުލެވޭ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝަން ނޭޝަންސް (އާސިއާން) ސަމިޓްގެ ހަވާސާގައެވެ.
އާސިއާންގެ މި ދައުރުގެ ރިއާސަތު ބަލަހައްޓަވަމުން ގެންދަވާ ވިއެޓްނާމްގެ ބޮޑުވަޒީރު ޏޫޔެން ޝުއާން ފުކް ވިދާޅުވީ، އިއްތިހާދީ އެއްބަސްވުމުގައި ސޮއިކުރި ގައުމުތަކުން ވަރަށް އަވަހަށް އާރްސެޕް ތަސްދީގު ކުރާނެ ކަމަށާ، މިއާއެކު ކޮވިޑް-19ގެ ކާރިސާއިން އަރައިގަތުމަށް ބޮޑު އެހީއެއް ލިބޭނެ ކަމަށެވެ. މި ވަގުތު މި އެއްބަސްވުމުގެ އިހުތިސޯސްގެ ތެރެއިން ހިނގާނީ، މެމްބަރު ގައުމުތަކުގެ މެދުގައި ޓެރިފް މައާފު ކުރުމުގެ އުސޫލެއް ކަމަށް މައުލޫމާތު ލިބެއެވެ.
އާސިއާންގެ މެމްބަރު 10 ގައުމުގެ އިތުރުން، އާރްސެޕް އިއްތިހާދުގައި ހިމެނެނީ ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ އަދި ނިއުޒީލަންޑްއެވެ. މި އިއްތިހާދުގައި، ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދަމުން އަންނަ އެމެރިކާއާއި އިންޑިއާއެއް ނުހިމެނެއެވެ. އިންޑިއާއިން ބޭނުންވެއްޖެ ހިނދެއްގައި މި އިއްތިހާދުގައި މި އިއްތިހާދުގައި ބައިވެރިވުމުގެ ދޮރު ވަނީ ހުޅުވާލާފައެވެ. އިންޑިއާއިން މި އިއްތިހާދުގައި ބައިވެރިވެފައި ނުވަނީ، ދާހިލީ ދެބަސްވުންތަކެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
ދުނިޔޭގެ އެންމެ ބޮޑު، ވިޔަފާރި އިއްތިހާދު ކާމިޔާބުވުމާއެކު އެކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، 2021 ވަނަ އަހަރަށް އެންމެ ވަރުގަދަ އެއް ބަޖެޓް އެކުލަވާލި ގައުމު ކަމަށްވާ މެލޭޝިއާގެ ވިޔަފާރި ވަޒީރު މުޙައްމަދު އަޒްމީން ވިދާޅުވީ، މިއީ 8 އަހަރު ދުވަސް ވަންދެން، ދަލާއި، ލޭ އަދި ކަރުނަ އޮހޮރައިގެން ގައުމުތަކުން ކުރި މަޝްވަރާތަކެއްގެ ނިމުން ކަމަށެވެ.
އާރްސެޕް އިއްތިހާދުގެ އެއްބަސްވުން ފަރުމާ ކޮށްފައި ވަނީ މެމްބަރު ގައުމުތަކުގެ އިގުތިސޯދުތައް، ހިމާޔަތް ކުރުމުގެ ނަމުގައި ބަންދު ކުރުމުގެ ފަލްސަފާއަށް އަމަލު ކުރުމުގެ ބަދަލުގައި، ވީހާވެސް ބޮޑަކަށް، ގައުމުތައް ހުޅުވާލައިގެން ވިޔަފާރި ކުރާ އުސޫލުން ކަން ފާހަގަ ކުރަންޖެހެއެވެ.