އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ކޮމަންސް) އިން ރާއްޖެއާ ގުޅިގެން ކުރިމަތިކުރި 2 ސުވާލަކަށް، އިނގިރޭސި ސަރުކާރުން ދިން އިޖާބައާއެކު، ރާއްޖެއަށް އުންމީދީ ފެހި ސިގުނަލްތަކެއް ލިބިއްޖެއެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބައިނަލްއަގުވާމީ ވިޔަފާރިއާއި މަސްވެރިކަމުގެ ރޮނގުން، ރާއްޖެއަށް އުއްމީދީ މެސެޖުތަކެއް ވަނީ ދީފައެވެ.

ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލުވުން

ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއެކު އެކުލަވާލާފައި ވާ ފަދަ ވިޔަފާރީގެ އެއްބަސްވުންތަކެއް ދިވެހިރާއްޖެއާއެކު އެކުލަވާލުވުމުގެ ވިސްނުމެއް، އިނގިރޭސިވިލާތުގެ ބައިނަލްއަގުވާމީ ވިޔަފާރިއާއި ބެހޭ އިދާރާއިން ގެންގުޅޭ ތޯ ސުވާލު ދެންނެވީ ކޮމަންސްގައި ހިމެނިވަޑައިގަންނަވާ ކޮންޒަވޭޓިވް މެންބަރު، ސާ ޑޭވިޑް އެމިސްއެވެ.

މަސަވެރިން މަސް ބޭނުމުގައި / ފޮޓޯ: ޒުވާން މަސްވެރިޔާ

މެންބަރު އެމިސްގެ ސުވާލަށް ލިޔުމުން ޖަވާބު ދީފައި ވަނީ އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޮ އިންޓަނޭޝަނަލް ޓްރޭޑުންނެވެ.

ޑިޕާޓްމަންޓް ފޮ އިންޓަނޭޝަނަލް ޓްރޭޑުން ލިޔުމުން ދިން ޖަވާބުގައި ބުނެފައި ވަނީ، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއަކީ ދޭދޭ ބަދަހި ގުޅުމެއް އޮތް ދެ ގައުމު ކަމަށާ، ދޭދޭ ވިޔަފާރީގެ އަގު މިދިޔަ އަހަރުވެސް 151 މިލިއަން ޕައުންޑަށް އަރާ ކަމަށެވެ.

މި މޭރުމުން ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދިވެހި ސަރުކާރާއެކު މަސައްކަތް ކުރަމުން އަންނަ ކަންވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަސައްކަތް ކުރާ ދާއިރާތަކުގެ ތެރޭގައި ކާބޯތަކެތީގެ ދާއިރާގެ އިތުރުން ދިފާއީ ދާއިރާ، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާގެ އިތުރުން ތިމާވެއްޓާއި ސައެންސް އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މަސްވެރިކަމުގެ ސިނާއަތް ޕްރޮމޯޓް ކުރުން

މިއަހަރުގެ ނޮވެންބަރު މަހު އޮންނަ އދގެ މޫސުމާ ބެހޭ ބައްދަލުވުން (ކޮޕް26)ގެ ކުރިން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ޕްރޮމޯޓް ކުރުމަށް، އިނގިރޭސިވިލާތުގެ ތިމާވެއްޓާއި ކާބޯތަކެއްޗާއި ރަށްފުށުގެ ކަންކަމާ ބެހޭ އިދާރާއިން އަޅަން ގަސްތު ކުރާ ފިޔަވަޅުތަކާ ބެހޭ ގޮތުންވެސް މެންބަރު އެމިސް ވަނީ ސުވާލު ދަންނަވާފައެވެ.

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ބޮރިސް ޖޯންސަން (ކ) ގާނޫނު ހަދާ މަޖިލީހުގައި/ފޮޓޯ: ޝިކާގޯޓްރިބިއުން

މެންބަރު އެމިސްގެ ސުވާލަށް އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަރާތުން ޖަވާބު ދިނީ އެ ގައުމުގެ ޑިޕާޓްމަންޓް ފޮ އެންވާރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒްއިން ކަމަށް، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ރެކޯޑްތަކުން ދައްކައެވެ.

ކޮޕް26ގެ ރިޔާސަތު، އިޓަލީވިލާތާއެކު ހިއްސާކުރަން ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެހެން ކަމުން، މިއަހަރުގެ ބައްދަލުވުމާ ދިމާކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، މޫސުމީ ނޭދެވޭ ބަދަލުތަކަށް ކަނޑުގެ ވެށި އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައި ވާ ކަމަށް އިނގިރޭސިވިލާތުން ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއަރުވާ، ޣައިރު ގާނޫނީ މަސްވެރިކަން ހުއްޓުމަކަށް ގެނެސް، ކަނޑުގެ ދިރުންތަކުގެ ވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތައް ފުޅާ ކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

އާމްދަނީ ހޯދުމަށް ފަރުމަސްވެރިކަން ކުރާ ބައެއް

ސަރަހައްދީ މަސްވެރި ޖަމިއްޔާތަކާ ގުޅިގެން އިނގިރޭސިވިލާތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކޮށް، އެ ގައުމުގެ ސަރުކާރުން ބުނީ، ރާއްޖެވެސް އެ ކޮމިޝަނެއްގައި ބައިވެރިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއެކު އިނގިރޭސިވިލާތުން މަސައްކަތް ކުރާ ކަމަށެވެ. މި ބީދައިން ރާއްޖެއާއެކު މަސައްކަތް ކުރުމުގެ ޝައުގު އެބައޮތް ކަމަށްވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ދާދި ފަހަކާ ޖެހެންދެން އިނގިރޭސިވިލާތް އޮތީ ވިލާތުގެ އިއްތިހާދުގެ މެންބަރު ގައުމެއްގެ ގޮތުގައެވެ. އެހެންކަމުން، ފާއިތުވީ ބައި ގަރުނެއްހާ ދުވަހަކީ މިނިވަން ކަމާއެކު ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލުމުގެ ފުރުސަތުތަކުން އެ ގައުމު މަހްރޫމު ކޮށްފައި އޮތް އަހަރުތަކެއް ކަން އިނގިރޭސިވިލާތުގެ ސަރުކާރުން ފާހަގަ ކުރެއެވެ. ވިލާތުގެ އިއްތިހާދުގެ މެންބަރު ކަން ދޫކޮށް، މިނިވަން އިގުތުސޯދަކަށް އެ ގައުމުން މަރުހަބާ ކިޔަމުން ދާއިރު، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ރޮނގުން އެދެވޭ ކުރިއެރުންތަކެއް ހާސިލު ވާނެ ކަމުގެ ފެހި ސިގުނަލް، އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ދީފައެވެ.