ސެއިންޓް ރެޖިސް ސިންގަޕޫރުގައި ބޭއްވި ޓްވިމްބިޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.

މި މަހު 28 ވަނަ ދުވަހު ބޭއްވި "ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާ" އަށް ނޮމިނޭޓްވި ތިން ކުންފުންޏަކީ އުރީދޫ މޯލްޑިވްސް، ދިރާގު، އަދި ބްރޫނާއީގެ ޑީއެސްޓީއެވެ.

އުރީދޫ އިން ބުނީ "ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2024 ގައި "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" އެވޯޑް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. "މިކާމިޔާބީ އަށް މަގުފަހިކޮށްދިން އަޅުގަނޑުމެންގެ ޓީމްގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މިކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަ ކުރަމުން ދާއިރު، ކުރިއަށް އޮތްތަނުގައިވެސް އީޖާދީ، ފެންވަރު ރަގަޅު ހިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން" އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޮޑެތި ޓެލްކޯ އަދި ޓެކް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެއެވެ.

ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއިން ވަނީ 23 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޓެލްކޯ އޮފް ދަ އިޔާ، ޓެލްކޯ ޓު ޓެކްކޯ އޮފް ދަ އިޔާ ފަދަ ދާއިރާތަކުން ފާހަގަ ކޮށްލެވޭ ކުންފުނިތަކަށް ޝަރަފުވެރި އެވޯޑް ހަވާލު ކޮށްފައެވެ.

މި އެވޯޑުގެ ސްޓްރެޓީޖިކް ޕާޓްނަރަކީ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެފް5 އެވެ. މި ޕްރޮގްރާމުގެ މީޑިއާ ޕާޓްނަރަކީ ޑީއެންއޭ އެވެ.

އެވޯޑް ހަފްލާގައި ފާހަގަ ކޮށްލެވޭ ކާމިޔާބީ ހޯދި ކުންފުނިތަކުގެ ތެރޭގައި އެސްކޭޓީ، ރިލަޔަންސް ޖިއޯ، ޕީސީސީޑަބްލިއު، ޓެލްސްޓްރާ، އޮޕްޓަސް، ބާރްތީ އެއާޓެލް، އުރީދޫ މޯލްޑިވްސް ހިމެނެ އެވެ. މިކުންފުނިތަކަށް މި ލިބުނު ކާމިޔާބީއަކީ މުވާސަލާތީ ދާއިރާގައި މިކުންފުނިތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ދާ ހިދުމަތަކީ މިރީޖަންގައި ތައުރީފު ހައްގު ޚިދުމަތެއް ކަން ޔަގީންވާ ކާމިޔާބީ އެކެވެ.