“911S5” ގެ ނަމުން ނަން ދީފައިވާ މަލްވެއާ ބޮޓެއް ހިންގާ އުމުރުން 35 އަހަރުގެ ޔުންހޭ ވެންގް އަތުލައިގެންފިއެވެ.

ޗައިނާ އަށް ނިސްބަތްވާ ވޭންގް އަތުލައިގަތް ހަބަރު ހާމަ ކުރަމުން އެމެރިކާ އިން ބުނީ, ފާއިތުވި 8 އަހަރު ތެރޭގައި 190 ގައުމަކުން 19 މިލިއަން ކޮމްޕިއުޓަރު ހެކްކުރުމުގައި އިސްކޮށް އުޅެފައި ވަނީ އޭނާ ކަމަށެވެ.

ސައިބާކްރައިމް ނުވަތަ އިންޓަނެޓްގެ ޒަރީއާއިން ހިންގާ ޖިނާއީ ކުށްތައް ފޮރުވުމުގައި މި ބޮޓު ބޭނުން ކޮށްފައި ވާއިރު މަކަރާއި ހީލަތއ ހެދުމާއި އަސްލު އޮޅުވާލުމާއި ކުދިންގެ ހައްގުތަކަށް އަރައިގަތުން ފަދަ ޖަރީމާތައް މި ނެޓްވޯކުގެ ތެރެއިން ހިންގާފައި ވާ ކަމަށެވެ.

އަދި ސިސްޓަމްތައް ހެކްކޮށް އެ ސިސްޓަމްތަކުގެ އެކްސެސް އެހެން ހެކަރުންނަށް އަގަށް ދޭ ކަމަށާއި އެގޮތުން 2014 އިން ފެށިގެން މިހާތަނަށް އޭނާ 99 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައި ވާ ކަމަށް ވެސް ބުނެއެވެ.

އޮފިޝަލުން އިތުރަށް ބުނީ, އެ ފައިސާއިން އޭނާ އެމެރިކާ, އެސްޓީ ކިޓްސް އެންޑް ނެވިސް, ޗައިނާ, ސިންގަޕޫރު, ތައިލޭންޑް އަދި ޔޫއޭއީ ފަދަ ގައުމުތަކުން އަގުބޮޑެތި އިމާރާތްތަކާއި އަގުބޮޑެތި ކާރާއި އެނޫންވެސް ތަކެތި ގަނެ ހަދާފައި ވާ ކަމަށެވެ.

އޮފިޝަލުން ބުނީ, ހެކްކުރުމުގައި ވޭންގް ބޭނުން ކޮށްފައި ވަނީ ޕްރިވެޓް ވީޕީއެން ޕްރޮގްރާމުތައް ކަމަށާއި އެގޮތުން މާސްކްވީޕީއެން, ޑިއުވީޕީއެން އަދި ޕޭ ޕާ އިންސްޓޯލް ސާވިސް ފަދަ ހިދުމަތްތައް ބޭނުން ކޮށްފައި ވާ ކަމަށެވެ.