ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) މަހާސިންތާ ވަރަށް ކާމިޔާބު ކަމަށާއި ދިވެހި ރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސް ވަކާލާތު ކުރެއްވި ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ހީނާ ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި މި ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓުތަކާއި، ލޯނު ލިބުމުގައި ކުރިމަތިވާ ދަތިތައް ފަދަ މުހިންމު ކަންކަމަށް ރައީސް ވަކާލާތުކުރެއްވި ކަމަށެވެ.
މި މަހާސިންތާގައި ރައީސް ވަނީ މާލީ އެހީއަކީ ސިޑްސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަ ކުރައްވައި، ތަރައްގީއަށް ޓަކައި ފަސޭހައިން މާލީއެހީތައް ލިބޭނެގޮތް ފަހިވާންޖެހޭކަމަށާއި، ކުދި ގައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމްޑީބީ) ތަކާއި އިންޓަނޭޝަނަލް ފައިނޭންޝިއަލް އިންސްޓިޓިއުޝަން (އައިއެފްއައި) ތަކުން ކުދި ޖަޒީރާ ގައުމުތަކަށް ފަހިވާގޮތަށް ބައެއް އެދެވޭ ބަދަލުތައް ގެނައުމަށްވެސް ގޮވާލައްވާފައެވެ.
މި މަހާސިންތާއަކީ " ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން ސިޑްސްގެ ގައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި ހުރިހާ ހިއްސާދާރުންނާ ދެމެދު ބޭއްވޭ މަހާސިންތާއެކެވެ. މި މަހާސިންތާގައި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ދެމެހެއްޓެނިވި އަދި ވިލުންތެރި މުސްތަގުބަލެއް ހޯދުމަށް ކުރެވޭނެ މަސައްކަތްތަކާމެދު މަޝްވަރާ ކޮށްފައިވެއެވެ.