ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) އަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ގައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، މި އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީބީއެން) ފޯރަމްގެ އިފުތިތާހީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ވެށީގެ ނާޒުކު ކަމަކީ ކުދި ޖަޒީރާ ގައުމުތަކުގެ ވާހަކައިގެ އެންމެ ބާބެއް ކަމަށާއި، ބާކީ ބައިގައި އޮތީ އެ ގައުމުތަކުގެ ހިންމަތްތެރިކަން ކަމަށް ވިދާޅުވެފައެވެ. ސިޑްސް ގައުމުތަކަކީ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް، އަދި ދުރުމިން ގާތްކަމަށް ބަދަލުކުރާ ގައުމުތަކެއްގެ ގޮތުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުން ކަމަށާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން (އެމްއެސްއެމްއީ ތައް) އަކީ އިގުތިސާދީ އިންޖީނުތައް ކަމުގައެވެ. އަދި މި ގައުމުތައް ފަންނިއްޔާތާއި އީޖާދުތައް ތަހުލީލުކުރާ "ލެބޯޓަރީތަކަކަށް" ހެދިދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސުމޭކު (ޑިޖިޓަލް) ގުޅުންތަކަކީ މިއަދު ވިޔަފާރިއާއި، މާލީ ހިދުމަތްތަކާއި، ފަތުރުވެރިކަމަށް ބާރުދޭ އިގުތިސާދީ ބިނާރެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ، އަދި "މޯލްޑިވްސް 2.0" އެޖެންޑާ މެދުވެރިކޮށް ޖޯގުރަފީ ގޮންޖެހުންތަކުން އަރައިގަތުމަށް ސުމޭކު ފަންނިއްޔާތު ބޭނުންކުރަމުންދާކަންވަނީ ފާހަގަކުރައްވާފައެވެ.
ޒުވާން ވިޔަފާރިވެރިންނާއި، ސްޓާޓް-އަޕް ތަކަށް، މާލީ އެހީތެރިކަން ދެމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޒަމާނީ ފޮރިން އިންވެސްޓްމަންޓް ގާނޫނާއި، 2027 ގައި ތަރައްގީކުރާ ޓްރޭޑް އެކްސެލެރޭޝަން ޒޯނުގެ އިތުރުން ލޮޖިސްޓިކްސް އަދި ފްލޯޓިން ސޯލާގެ ދާއިރާއިން އިންވެސްޓްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޖަޒީރާތަކުގެ އުންމީދީ ހިޔާލުތައް ވިޔަފާރިތަކާއި، މާލީ އެހީތެރިކަމާއި، ފަންނިއްޔާތާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ޖީ.ބީ.އެން ތަރައްގީކުރުމަށް ޔޫއެންއޯއެޗްއާރްއެލްއެލްއެސް އަށް ގޮވާލައްވަމުންނެވެ.
