މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވައުދުވެފައިވީ ނަމަވެސް ފާއިތުވި ދެ އަހަރު ތެރޭގައި، ކުދި ޖަޒީރާ ގައުމުތަކަށް ބޭރުގެ މާލީ އިނާޔަތާއި ވަސީލަތްތައް ލިބޭ މިންވަރު ދަށަށް ގޮސްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި މޫސަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވަނީ މާލީ އެހީއަކީ ސިޑްސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި، ތަރައްގީއަށް ޓަކައި ފަސޭހައިން މާލީއެހީތައް ލިބޭނެގޮތް ފަހިވާންޖެހޭކަމަށެވެ.
އަދި އެގޮތަށް ކުދި ގައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ކަމެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމްޑީބީ) ތަކާއި އިންޓަނޭޝަނަލް ފައިނޭންޝިއަލް އިންސްޓިޓިއުޝަން (އައިއެފްއައި) ތަކުން ކުދި ޖަޒީރާ ގައުމުތަކަށް ފަހިވާގޮތަށް ބައެއް އެދެވޭ ބަދަލުތައް ގެނައުމަށްވެސް ގޮވާލައްވާފައެވެ.
މި މަހާސިންތާއަކީ " ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން ސިޑްސްގެ ގައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި ހުރިހާ ހިއްސާދާރުންނާ ދެމެދު ބޭއްވޭ މަހާސިންތާއެކެވެ. މި މަހާސިންތާގައި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ދެމެހެއްޓެނިވި އަދި ވިލުންތެރި މުސްތަގުބަލެއް ހޯދުމަށް ކުރެވޭނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރެވިގެން ދާނެއެވެ.