އަމާން ސަރަހައްދެއްކަމަށް ބުނެ އާންމުން ފައްސާލި ސަރަހައްދަށް މެންދަމު ބޮން އަޅާ އެތައް ބަޔަކު ޝަހީދު ކޮށްލައި މިހާރު ހަމަލާ ދެމުން ރަފާގެ މެދުތެރެއަށް އިޒްރޭލުން ވަދެފައި ވާ އިރު އެމެރިކާއިން ބުނަނީ އަދިވެސް ރަތް ރޮނގު ހުރަސް ނުކުރާ ކަމަށެވެ.
ގާޒާގެ ވަށައިގެން ވަދެގަނެ، މިހާރު ރަފާ ހިފަމުން ދާ އިރުވެސް އެމެރިކާއިން ގަބޫލު ކުރާނީ "ފުލް ސްކޭލް" [އެއްގަމާއި ކަނޑައި ވައިގެ މަގުން] ހިންގާ އުދުވާން އިޒްރޭލުން ނުހިންގާ ކަމަށެވެ.
އިޒްރޭލުން ރަފާގެ މެދުތެރެއަށް ވަދެ މިސްރުގެ ބޯޑަރު ފެންނަ އުސް ސަރަހައްދު ހިފާފައި ވާ އިރު ވައިޓްހައުސްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވަނީ އިޒްރޭލުން ރަތް ރޮނގު ހުރަސް ކުރިކަމަކަށް އަދި ނުބެލެވޭ ކަމަށެވެ.
މިއީ އެގައުމުގެ ރައީސް ޖޯ ބައިޑަން ވާހަކަ ދައްކަވާފައި ރާގާ ހިލާފު ވާހަކައެކެވެ. ބައިޑަން ވިދާޅުވެފައި ވަނީ އިޒްރޭލުން ރަފާގެ އާބާދީތަކުގެ ތެރެއަށް ވަދެއްޖެ ނަމަ އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދޭ ހަތިޔާރު ދިނުން ވަގުތީ ގޮތުން ހުއްޓާލައްވާނެ ކަމަށެވެ.
ނަމަވެސް ކަން ހިނގަމުން ދަނީ އެ މަގަކަށް ނޫނެވެ. އިޒްރޭލުން ބޭނުންވާ ހުރިހާ ހަތިޔާރެއް އެމެރިކާއިން ދަނީ ފޯރުކޮށްދެމުންނެވެ.
އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެން ރަފާގެ ތަލް އަލް ސުލްތާން ރެފިއުޖީ ކޭމްޕްގައި ނިދާފައި ތިބި ބަޔަކަށް ހަމަލާ ދީ ދިރިތިއްބާ ވަނީ އަންދާލާފައެވެ.
މިކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވަމުން ކާބީ ވިދާޅުވީ އެއްގަމު މަގުން ބޮޑު އޮޕަރޭޝަނެއް ހިންގަން އެމެެރިކާއިން ތާއީދު ނުކުރާނެ ކަމަށެވެ. އެމެރިކާއިން އެހެން ބުނާ އިރު ޔަހޫދީ އިޒްރޭލު ސިފައިން ތިބީ ރަފާ ވަށައިގެން އަރައިގަނެ އަސްކަރީ ޓޭންކްތަކުގައި ރަފާގެ އެންމެ އެތެރެއަށް ވަދެއެވެ. އަދި ރިޒާވް ސިފައިންގެ ގޮތުގައި ތިބި މީހުންވެސް ހިދުމަތަށް ނެތެ، ރަފާގައި ހިންގާ އޮޕަރޭޝަން ވަނީ ފުޅާކޮށްފައެވެ.
އިޒްރޭލުން އެއްގަމު މަގުން ރަފާއަށް އަރަން ފެށީ މި ނިމޭ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެތެރެއަށް ވަންނަމުން މީހުން މަރަމުން ދާ އިރުވެސް އެމެރިކާއަށް ފެންނަނީ އެއީ އަދި ފުޅާދާއިރާއެއްގައި އެއްގަމު މަގުން އެރުން ނޫން ކަމަށެވެ.