ރާއްޖޭގެ ވިޔަފާރިވެރިންގެ މެދުގައި ވެއިސިން ޕޭ އިންޓަގްރޭޓްކޮށް، ޗައިނާގެ ފަތުރުވެރިންނަށް ފައިސާ ދެއްކުމުގެ ތަޖުރިބާ އިތުރުކޮށްދިނުމަށް އެމްއެމްޕީއާރުސީން ތިން އަހަރުގެ މުއްދަތައް ސޮއިކޮށްފައިވާ އެއްބަސްވުމުގެ ސަބަބުން އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މަސައްކަތް ކުރާ އެމްއެމްޕީއާރުސީއާއި ޗައިނާގެ ވީޗެޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދެވެ. ވެއިސިން ޕޭގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު ސިންގަޕޫރު، ރީޖަނަލް ޑިރެކްޓަރު ސައުތު އީސްޓް އޭޝިއާ، އެޓިއެން އެން ޖީ އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ މިއީ ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ގާއިމުކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި މިހާރު ޗައިނާގެ ދަތުރުވެރިންނަށް އުނދަގުލަކާ ނުލައި ފައިސާ ދެއްކޭނެ މަގު ފަހިވުމުން ރާއްޖޭގައި ހޭދަކުރާ ޗުއްޓީ ތަޖުރިބާ މިކަމާ ގުޅިގެން އިތުރަށް ހިތްހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ ވެއިސިން ޕޭއާ ގުޅިގެން ހިންގާ މާކެޓިން ހަރަކާތްތަކުން ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެކަމަށެވެ. އަދި ވެއިސިން ޕޭއާއި އެކު، ޗައިނާގެ ފަތުރުވެރިންނަށް ލީޑިން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ވީޗެޓް އިން ބުނީ ވެއިސިން ޕޭ އިން ޗައިނާގެ ފަތުރުވެރިންނަށް ސީމްލޭސް ޕޭމަންޓް ތަޖުރިބާތައް ގެނައުމަށް ވިޒިޓް މޯލްޑިވްސް އާ ގުޅިގެން މަސައްކަތްތައް ފަށާފައިވާ ކަަމަށެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާ، ސަލާ ތައި، ބަނިއަން ޓްރީ ވަބިންފާރޫ، އަދި ވެލާ ޕްރައިވެޓް އައިލެންޑް ފަދަ މަޝްހޫރު ސްޕޮޓްތަކުން މިހާރު ވެއިކްސިން ޕޭ ބަލައިގަންނާނެކަމަށް ވީޗެޓުން ވަނީ ބުނެފައެވެ.