ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު، އެ މައްސަލައިގެ ޝަރީއަތް ނުނިމެނީސް ދޫކޮށްލުމަށް ދަށު ކޯޓަކުން ކުރި އަމުރު ހައިކޯޓުން އިއްޔެ ބާތިލުކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގެ ތުހުމަތު ކުރެވިފައިވަނީ އަބްދުﷲ ލަތީފް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ އަނބިމީހާގެ އެއްބަނޑު އެއްބަފާ ދައްތައެއްގެ އުމުރުން 12 އަހަރުގެ ދަރިފުޅަށް އެކި ފަހަރުމަތިން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާއިރު މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 23ވަނަ ދުވަހުއެވެ.

'ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހައްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނު' ގެ ދަށުން އަބްދުﷲ ލަތީފް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނު ނަމަވެސް އެ މައްސަލައިގައި ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. އަދި އޭގެ ފަހުން ހަތަރު ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ޖުމްލަ 90 ދުވަހަށް އިތުރުކޮށްފައިވާއިރު، ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބަޔާންކޮށްފައި އޮތް މުއްދަތު ހަމަވާތީ، ދައުލަތުގެ ފަރާތުން ވަނީ ޝަރީއަތް ނިމެން ދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފައެވެ.

ޢަބްދުﷲ ލަޠީފަކީ ނަފްސާނީ މައްސަލަތަކެއް ދިމާވެ ޑޮކްޓަރުގެ ލަފާގެ މަތިން، އެ ފަދަ މައްސަލަތައް ދިމާވެފައިވާ މީހުން ބޭނުންކުރާ ބޭހެއް ބޭނުންކުރާ މީހެއްކަމަށް ބުނެ ކޯޓުން ވަނީ މިއަހަރު އެޕްރީލް މަސްތެރޭ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ވަނީ މި މަހު 12 ވަނަ ދުވަހު މި މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅާފައެވެ. ދައުލަތުން އިސްތިއުނާފުކުރި މައްސަލައިގައި ބުނެފައިވަނީ އަބްދުﷲ ލަތީފު ބަންދުން ދޫކޮށްލުމަށްކުރި ކޯޓު އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅާ އަދި އެ ކަމަށް އެދި ދައުލަތުން ކޯޓަށް އަލުން އެ މައްސަލަ ހުށަހެޅުމުން، ހަތް ދުވަސް ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދިފައެވެ.

މި މައްސަލައިގައި އިއްޔެ ހައިކޯޓުން ބުނެފައިވަނީ އަބްދުﷲ ލަތީފުގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުރި ކަމަށް ނިންމާ އޭނާ ބަންދުކުރުމަށް ދަށު ކޯޓުން ކުރިން ނިންމިއިރު، އޭނާ ބަންދުން ދޫކޮށްލުމުގެ އަމުރުގައި އެ ހާލަތު ބަދަލުވި ގޮތް އެނގެން ނެތް ކަމަށެވެ. އަދި ވަގުތީ އަމުރުގެ ދަށުން އޭނާ ބަންދުކުރިއިރު، ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރުމާއެކު އެ ހާލަތަށް ބަދަލު އަންނަންޖެހޭ، އަދި ހެކީގެ މިންގަނޑު ދަށްވާންޖެހޭ ސަބަބެއް ވެސް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

އަބްދުﷲ ލަތީފު އަކީ ކުރިން ދުވަހަކު ވެސް ނަފުސާނީ ބައްޔަކަށް ބޭސްކޮށްފައިވާ މީހެއް ނޫން ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާއިރު ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ޑޮކްޓަރަކު އަންގާފައިވާކަން އެނގޭފަދަ ލިޔުމެއް ވެސް ހުށަހަޅާފައިނުވާ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން ހައިކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ބާތިލްކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 48 ގަޑިއިރުގެ ތެރޭގައި މި މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް ކަނޑައަޅާފައެވެ. އަދި އަބްދުﷲ ލަތީފަކީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްތޯ، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދަށު ކޯޓުން ކަނޑައަޅަންދެން އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފައެވެ.