ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އަނެއްކާވެސް ގުނޫތު ނާޒިލާ ކިޔުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން، މިއަދުން ފެށިގެން މައުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާނެކަމަށެވެ. "މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހްލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ފަލަސްތީނަށް ނަސްރު ދެއްވުން އެދި ގަނޫތު ނާޒިލާ ކިޔުމަށް އެންމެ ފުރަތަމަ އެންގީ އޮކްޓޯބަރު 11، 2023 ގައެވެ. އޭރު އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހުރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށެވެ. އެހެންނަމަވެސް އޭގެފަހުން އެ މަހުގެ 18 ވަނަ ދުވަހު މިނިސްޓްރީން އަންގާފައި ވަނީ ފަރުޟު ފަސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ކިޔުމަށެވެ. އޭގެ ފަހުން މިދިޔަ އަހަރު ޑިސެމްބަރު މިނިސްޓްރީން ވަނީ ހަމައެކަނި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ކިޔަން އަންގައިފައެވެ.

އެހެން ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ ގުނޫތު ކިޔަން ވަގުތީ ގޮތުން ހުއްޓާލަން އަންގާފައެވެ.

އިޒްރޭލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދެއްވާ، އަމާންކަމާ، ރައްކާތެރިކަމާ، ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކިޔަމުން އައި ގުނޫތު ނާޒިލާ ހުއްޓާލާފައިވަނީ މިއަހަރު ފެބްރުއަރީ މަސްތެރޭގައެވެ.

ގުނޫތު ނާޒިލާ އަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން އަޑު ހަރުކޮށް ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ދުއާ އެކެވެ. ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ދުވަސްވަރުވެސް ކާރިސާތައް ދިމާވުމުން ގުނޫތު ނާޒިލާ ކިޔުއްވާފައިވާ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.