ސިޑްސްގެ ގައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ގައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވަވައިދެއްވަމުންނެވެ.
ރައީސް ވިދާޅުވީ މި ވަގުތަކީ ތަރައްގީގެ މަގުގައި ކުރިމަތިވާ ދަތިތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ގައުމުތަކުން އަމިއްލަ ގާބިލުކަން ގަބޫލުކުރަން ފަށަންވީ ވަގުތުކަމުގައެވެ. އަދި ކުދި ޖަޒިރާ ގައުމުތަކުގެ ނާޒުކުކަމަކީ މި ގައުމުތަކުގެ ވެއްޓުން ކަމުގައި ދެކިގެން ނުވާނެކަމަށާއި އެކަންކަމަކީ ބުންވަރު އާލާކުރަން ލިބޭ ހިތްވަރެއް ކަމުގައި ދެކެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތުން ސިޑްސްގެ ގައުމުތަކުން އެއްބާރުލުން ހޯދިދާނެ 3 ގޮތް ރައީސް ވަނީ ވިދާޅުވެދެއްވާފައެވެ. އެގޮތުން ބައިނަލްއަގްވާމީ މުޖުތަމައުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކްރެޑިޓް އިތުރުކުރުމަށާއި ދަރަނީގެ ހަރަދުތައް ކުޑަކުރުމަށް މަގުފަހިކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދޭދޭ ގުޅުންތައް ގާއިމުކޮށްފައިވާ ފަރާތްތަކުން، ރިޓްރެކްޓިވް ފައިނޭންސިން ހިމެނޭ މާލީ އީޖާދީ ހައްލުތައް އިތުރުކޮށްދޭންޖެހޭ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އދ ގެ ނިޒާމާއި ބައިނަލްއަގްވާމީ ތަރައްގީގެ ޖަމާއަތްތަކާއި އަމިއްލަ ވިޔަފާރިތަކަށް ހަރަދުކުރާ ފަރާތްތަކުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ހިއްސާކުރެވިފައިވާ އަދި ގުޅި ލާމެހިފައިވާ ވިސްނުމެއް ގެންގުޅެން ޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބަޔާން އިއްވަވައިދެއްވަން ފައްޓަވަމުން ރައީސް ވަނީ ސިޑްސް އާއިލާގެ މެންބަރެއް ކަމަށްވާ ޕަޕުއާ ނިއުގިނީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން، އެ ހިތާމައިގައި ބައިވެރިވާކަމަށް ވިދާޅުވެފައެވެ. އަދި މެދުއިރުމަތީގައި ރަފާހްގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލެއްވެވިއެވެ.
އެގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ކޮށްފައިވާ އަމުރާ އެގައުމުން ހިލާފުވަމުންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އިސްރާއީލުން އެކުރާ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލުމުގައި ކޮންފަރެންސްގައި ބައިވެރިވާ ގައުމުތަކުގެ ވެރިން އެއްބައިވަންތަވާންޖެހޭ ކަމަށެވެ.