ރާއްޖޭގެ އުތުރަށް ރިކްޓާ މިންގަނޑުން 4.5 ގެ ބާރުމިނުގައި ބިންހެލުމެއް އައި އިރު ހދ ގެ ބައެއް ރަށްތަކަށް އަސަރު ކޮށްފިއެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްތަައް ލިބިފައިވާ ކަަމަށެވެ.
އަދި ހދ. ހަނިމާދޫގައި ގާއިމް ކޮށްފައިވާ ބިންހެލުން މޮނިޓާ ކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައި ވާކަން ރެކޯޑް ކުރެވިފައި ވީ ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތި ވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މި ބިންހެލުން އައިސްފައި ވަނީ މިރޭ ރާއްޖެ ގަޑިން 08:27 ގައެވެ. 10 ކިލޯމީޓަރު އަޑިން އަދި 4.5 މެގްނެޓިއުޑް ބާރުމިނުގައި ރާއްޖެއާ 422 ކިލޯމީޓަރު ދުރުން އަރަބި ކަނޑަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ މެޓް އޮފީހުން މިރޭ ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
އަދި ހަަމއެހެންމެ މި ދުވަސްވަރަކީ މޫސުން ގޯސްވެ ވައިބާރު ވުމާއެކު ކަނޑުތައް ގަދަ ދުވަސް ވަރަކަށް ވުމުން ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި ބްރިޖް މަތިން ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންންނެވެ.