މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލު ކުރަން މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު އެކަމަށް އެދިފައިވާތީ ގުރުއަތު ނެގުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި ހަތަރު ކެޓަގަރީއަކުން ގޯތި ބަދަލު ކުރުމަށް މި ސަރުކާރުން ވަނީ ފުރުސަަތު ހުޅުވާލާފައެވެ. އެ ގޮތުން 1250، 1650، 2050 އަދި 2450 އަކަފޫޓުގެ ގޯތި ލިބިފައިވާ މީހުންނަށް މި ފުރުސަތު ހުޅުވާލާފައިވާ އިރު، ޖުމްލަ 1096 ފަރާޓަކަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް މުއްދަތް ހަމަވި އިރު، ގޯތި ބަދަލު ކުރުމަށް އެދި ހުށަހަޅާފައި ވަނީ 2210 ފަރާތް ކަމަށް ހައުސިން މިނިސްތްރީން ބުނެއެވެ.
4 ކެޓަގަރީއަކުން ގޯތި ބަދަލު ކުރުމަށް ފުރުސަތު ހުޅުވާލި އިރު، ކޮންމެ ކެޓަގަރީއަކުން ވެސް ވަކި އަދަދެއް ވަީ ކަނޑައަލާފައެވެ. އެ ގޮތުން 1250 އަކަފޫޓުގެ ގޯތިން ފުރުސަތު ވަނީ 196 ފަރާތަކަށް ހުޅުވާލާފައެވެ. ނަމަވެސް އެ ކެޓަގަރީން ވަނީ 1093 ފަރާތެއް ގޯތި ބަދަލުކުރަން އެދިފައެވެ. 1650 އަކަފޫޓުގެ ގޯއްޗަށް 663 ފަރާތަކަށް ފުރުސަތު ހުޅުވާލި އިރު، އެ ކެޓަގަރީން ވަނީ 880 ފަރާތެއް ގޯތި ބަދަލު ކުރަން އެދިފައެވެ.
ނަމަވެސް 2050 އަދި 2450 އަކަފޫޓުގެ ގޯތި ލިބުނު މީހުންގެ ތެރެއިން ގޯތި ބަދަލު ކުޔރަން އެދިފައި ވަނީ އެ ކެޓަގަރީން ދޭ ފުރުސަތާ އެއްވަރަށެވެ. އެހެންކަމުން ހައުސިން މިނިސްޓްރީން ބުނީ ގޯތި ބަދަލު ކުރުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން އެދިފައިވާތީ 1050 އަދި 1650 އަކަފޫޓުގެ ގޯތި ލިބުނު މީހުންގެ ތެރެއިން އެކަމަށް އެދުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލާން ނިންމާފައިވާ ކަމަށެވެ. އަދި ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ.
މި ގުރުއަތުލުން ކުރިއަށް ދާނެ ތަނާއި، ގަޑި އާންމުކޮށް އިއުލާން ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދި ހުށަހެޅި މީހުންގެ ލިސްޓް:
- 1250 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 1093 މީހުން
- 1650 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 880 މީހުން
- 2050 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 234 މީހުން
- 2450 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 3 މީހުން
މީގެ އިތުރުން ގޯތި ބަދަލު ކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓެއް ވެސް އެ މިނިސްޓްރީން ވަނީ އާންމުކޮސްފައެވެ. އެ ލިސްޓާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ މި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ކުރިން ލިޔުމުން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައި ވެއެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލު ކުރަން ނިންމާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށް މި ސަރުކާރުން ބުނެއެވެ. އަދި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭނެތީ ކަމަށް ވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.