ޕަޕުއާ ނިއުގިނީގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީގެ މެސެޖެއް އެ ގައުމުގެ ބޮޑުވަޒީރު ޖޭމްސް މަރާޕޭއަށް ފޮނުއްވައިފިއެވެ.
އެގޮތުން ރައީސް ވިދާޅުވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެ ގައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުން ހަބަރު އަޑުއެއްސެވީ ފުން ހިތާމަ އާ އެކު ކަމަށެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަން ދަތި ހިތާމަވެރި ހާދިސާއެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ރައީސް ވިދާޅުވީ މި ދަތި ދަނޑިވަޅުގައި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ގައުމެއްގެ ގޮތުން، ދިވެހި ރައްޔިތުން ޕަޕުއާ ނިއުގިނީގެ ރައްޔިތުންގެ ހިތާމައިގައި ބައިވެރިވާކަމަށެވެ.
މީގެއިތުރުން މީހުން ސަލާމަތް ކުރުމުގައި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު ނިމުމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ފުރާނަ ގެއްލުން ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.