އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ގްރޭސްއަށް އެ މަރުގެ ތުހުމަތު ކުރޭތޯ ލަމްހާ އަބްދުއްރަހުމާން ސުވާލު ކުރި ކަމަށް ބުނެ އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުހަކު މިއަދު ހެކިބަސް ދީފިއެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދައުލަތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އެ ގޮތުން މިއަދު ހެކިބަސް ދިން ނަރުހަކީ އައިޖީއެމްއެޗްގައި އެ ދުވަސްވަރު މާވިނާއި ލަމްހާ ވެސް މަސައްކަތް ކުރި އެމަޖެންސީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރި ނަރުހެކެވެ. އެ ނަރުސް ބުނީ މޭރީ ގްރޭސް މަރުވިކަން އެނގުނީ އެ ދުވަހު އެހެން ބަލިމީހަކަށް ފަރުވާ ދެމުން ދަނިކޮށް އެ ބަލިމީހާއަށް ދޭން ޖެހޭ ބޭސް ހޯދުމަށް ރެސެސް ރޫމަށް ދިޔަ ވަގުތު މޭރީގެ ހަށިގަނޑާ އެކީ އެ ތަނުގައި މާވިން ހުރިތަން ފެނުމުން ކަމަށެވެ.

ބަލިމީހާއަށް ފަރުވާ ދެމުންދާ ވަގުތު އެމަޖެންސީ ރޫމުގައި އާއިލާ މީހަކަށް ނުހުރެވޭތީ އެ ކަން މާވިން ކައިރީގައި ބުނެފައި މާވިން ގޮވައިގެން ބޭރަށް ނުކުމެގެން ދިޔަ ކަމަށް އެ ނަރުސް ބުންޏެވެ. އެ ވަގުތު މާވިންއާ އޭނާއާ ދެމެދު ދެކެވުނު ވާހަކަ ހިއްސާ ކުރަމުން ނަރުސް ބުނީ، މޭރީ އަމިއްލައަށް ދަން ޖެހުނީ ކަމަށް މާވިން ބުނި ކަމަށާއި މާވިނަށް އެ ވަގުތު ރޮވުނު ކަމަށެވެ.

އޭގެ ފަހުން ލަމްހާއާ ބައްދަލުވެ ދެކެވުނު ވާހަކަތައް ހިއްސާކުރަމުން ނަރުސް ބުނީ، މަރުގެ ތުހުމަތު ކުރަނީ މާވިންއަށްތޯ ލަމްހާ ސުވާލު ކުރި ކަމަށެވެ. ޖަވާބުގައި އެ ގޮތަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އޭނާ ބުނި ކަމަށް ވެސް ޝަރީއތަުގައި ބުނެފައި ވެއެވެ. މީގެ ކުރިން ޝަރީއަތަށް ހެކިބަސް ދިން އެހެން ނަރުހުން ވެސް ކިޔައިދީފައިވާ ގޮތުގައި އެ ދުވަހު މާވިންގެ އަތުގައި ވަކި އަޅާފައިވާ ނިޝާން ފެންނަން ހުއްޓެވެ.

މާވިން ހައްޔަރު ކުރޭތޯ ބަލަން ލަމްހާ ދެ ފުލަހަކަށް ގުޅި ކަމަށް ތުހުމަތުކޮށް އެ ކަން ސާބިތުކުރަން އެ ދެ ފުލުހުންގެ ހެކިބަސް ވެސް މީގެ ކުރިން ވަނީ ނަގާފައެވެ. އެ ދެ ފުލުހުން ބުނެފައި ވަނީ މާވިން ހައްޔަރުކުރޭތޯ ބަލަން އެ ދެ ފުލުހުންނަށް ލަމްހާ ގުޅި ކަމަށެވެ

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.