ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ހޯދަމުން ދަނީ އއ. މާޅޮސް / ހިތްފަސޭހަގެ ފާތިމަތު ޔުސްރާ (36އ) އެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި، ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ޖޫން 3، 2024 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
ފަހަކަށް އައިސް މަކަރާ ހީލަތުން ފައިސާ އާއި މުދާ ފޭރޭ މައްސަލަ އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި އެކަށީގެންވާ އަދަބު ނުދެވޭ ކަމުގެ ޝަކުވާތައްވެސް ގިނައެވެ.