އިއްޔެ ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައި ވަނިކޮން ގާޒާގެ ކޭމްޕްތަކަށް އަމާޒުކޮށް ރޭ އިޒްރޭލުން ދިން ހަމަލާތަކުގައި ދިރިތިއްބާ އެތައް ބަޔަކު އަނދައިގެން ހިނގައްޖެއެވެ.
ފާއިތުވި 2 ގަޑިއިރު ތެރޭގައި އިޒްރޭލުން ގާޒާގެ ޖަބަލިޔާ، ނުސައިރަތު އަދި ގާޒާ ސިޓީގެ އިތުރުން ތަލް އަލް ސުލްތާނަށް ބޮން އަޅާފައި ވާ އިރު ފުރާނަ ގެއްލި ދިޔަ މީހުންގެ އަދަދު ވަނީ 160 އަށް އަރާފައެވެ.
މި ހަމަލާތަކުގެ ތެރެއިން ތަލް އަލް ސުލްތާނަށް ދިން ހަމަލާގައި ރެފިއުޖީ ކޭމްޕްގެ ބޮޑުބައެއްގައި ރޯވެ އަނދާފައި ވާ އިރު އިޒްރޭލުން ބުނީ، އެމީހުން ހަމަލާ ދިނީ ހަމާސް އިން ހަތިޔާރު ރައްކާ ކުރާ ތަނަކަށް، އަމާޒާށް ދަތުރު ކުރާ ބޮމެއް ބޭނުން ކޮށްގެން ކަމަށެވެ. ނަމަވެސް އެހާދިސާގައި ކޭމްޕެގެ ބޮޑު ބައެއްގައި ރޯވެ ދިރި ތިއްބާ އެތައް ބަޔަކު އަނދާ ދިޔަ މައްސަލަ ފެންމަތިވެފައި ވާ އިރު އެކަން ތަހުގީގު ކުރާނެ ކަމަށް އިޒްރޭލުން ބުނެފައި ވެއެވެ.
އިޒްރޭލުގެ ހަމަލާގެ އަދަދުތައް؛
- ޝަހީދު ވި: 35،984
- ޒަހަމް ވި: 80،643
އިޒްރޭލުން ދޭ ހަމަލަތާއް ވަރުގަދަ ކޮށްފައި ވާ އިރު ޕަލަސްތީން އޮޓޯރިޓީގެ ބަރުގެ ދަށުގައި އޮންނަ ހުޅަނގު އައްސޭރީގައިވެސް ދަނީ ހަރަކާތެއް ހިންގަމުންނެވެ. ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތަކާއެކު ހުޅަނގު އައްސޭރިއަށް ވަދެގަނެ ގެއަކަށް ފަހު ގެއެއް ބަލައި ފާސް ކުރަމުން އެތައް ބަޔަކު މިހާރުވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އިޒްރޭލުން ތަލް އަލް ސުލްތާން އަށް ދިން ހަމަލާ އަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ފަލަސްތީން އޮތޯރިޓީން ވެސް މިއަދު ވަނީ ބުނެފައެވެ. އެއީ ގަތުލުއާންމެއް ކަމަށާއި އިމުން ބޭރުވުން ކަމަށް ވެސް ބުނެފައި ވެއެވެ. ތަލް އަލް ސުލްތާން އަކީ އެއްވެސް ހަތިޔާރެއް އަދި ބާރެއް ނެތް އާންމުންގެ އަތއް ބަޔަކު ހިޔާވަހިކަން ހޯދައިންގެ ތިބި ރެފިއުޖީ ކޭމްޕެކެވެ.
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ތަރުޖަމާން އަބޫ ރުދައިނާ ވިދާޅުވީ، އިޒްރޭލުން ހިންގާ ގަތުލުއާންމަށް އެމެރިކާގެ ސަރުކާރުން ޒިންމާ ވާން ޖެހޭނެ ކަމަށާއި "މޮޔަވެގެން އުޅޭ އިޒްރޭލު އެމެރިކާއިން ހުއްޓުވަން" ޖެހޭނެ ކަމަށެވެ.