ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އިން އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި އަޟްހާ އީދު ފާހަގަ ކުރަން ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީއިން އެ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވީއިރު، ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްހާ އީދު ފާހަގަކުރާނެ 3 ރަށެއް ކަނޑައަޅާނީ އަޟްހާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ހަރަދުތަކާއި، އަދި އަގެއް ނުނަންގަވާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހުށަހަޅާ ޕްރޮޕޯޒަލްގައި ރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދާއި، އާންމުކޮށް ދިރިއުޅޭ މީހުންގެ އަދަދާއި ރަށުގެ ބޮޑުމިނާއި އީދުގައި ރަށަށް ޒިޔާރާތް ކުރާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ އަދަދު ހިމަނަންޖެހޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެފައިވާއިރު ރަށުން ލިބެން ހުރި އެކޮމޮޑޭޝަންގެ އަދަދާއި ދަތުރުފަތުރުގެ އިންތިޒާމުތަކުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި އީދުގައި ކުޅޭ ކުޅިވަރުތަކުގެ ތަފްސީލް ހިމެނުމަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ. އަދި ޕޮއިންޓު ދިނުމުގައި ބަލާނީ މިކަންކަމަށް ކަންވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެއިތުރުން އަޟްހާ އީދުގެ 3 ދުވަހު ކުރިއަށް ގެންދާނެ ހަރާކާތްތައް ހިމަނަންވާނެ ކަމަށާއި އީދުގެ ހަރަކާތްތަކުގައި އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭފަދަ ކުޅިވަރުތައް ހިމަނަންވާނެ ކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ ޖޫން 17 އެވެ.