މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުން ބާނާ މަސް ރައްކާތެރިކަމާއެކު ފިނިކޮށް ބެހެއްޓޭ ފަދަ ސިސްޓަމެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 200 ދޯންޏެއްގައި އެ ސިސްޓަމް ގާއިމް ކުރެވޭނެ ވަރުގެ ބަޖެޓެއް އެލޮކޭޓް ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 6 މަސް ދުވަހު އެ މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ތަފްސީލް ހާމަ ކުރުމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީފައި ވަނީ މަހުގެ ސްޓޯރޭޖް އިތުރުކުރުމަށާއި ރައްކާތެރިކަމާއެކު މަސް ފިނކޮށްފައި ބެހެއްޓޭނެ ނިޒާމްތަކެއް ގާއިމް ކުރުމަށް ކަމަށެވެ. ހަމައެއާއެކު މަސް ޕްރޮސެސް ކުރުމަށް ވެސް އިތުރު ފެސިލިޓީތައް ގާއިމް ކުރުމަށް ވެސް މަސައްކަތް ފަށާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ހުރި ދަތިތަކުގެ ތެރެއިން އައިސް ލިބުމުގެ މައްސަލަ ހައްލު ކުރުމަށް ވެސް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝީޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 11 އައިސް ޕްލާންޓެއް ވާނީ މިފްކޯއަށް ހަވާލުކޮށްފައި ކަމަށެވެ. އެ މަސައްކަތްތައް ވަނީ ޓެންޑަރިން މަރުހަލާގައި ކަމަށާއި އަދި އެ އައިސް ޕްލާންޓް ގާއިމްކޮށް މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ މި އަހަރު ފަހު ކޮޅު ނޫނީ އަންނަ އަހަރުގެ ކުރީ ކޮޅު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހަމައެއާއެކު މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުތަކުން ބާނާ މަސް ރައްކާތެރިކަމާއެކީ ބެހެއްޓުމަށްޓަކައި ދޯނީގައި ރެފްރިޖެރޭޓަރު ސީ ވޯޓާ (އާރްއެސްޑަބްލިއު) ސިސްޓަމެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށާ އިއެއީ ދޯނީގައި މަސް ފިނިކޮށް ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ސިސްޓަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ވެސް ތައާރަފްކޮށްފައިވާ ފެސިލިޓީއެއް ކަމަށާއި ނަމަވެސް މި ފެސިލިޓީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަން ފާހަގަވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން އެ ފެސިލިޓީ ހޯދުމަށް ނަގަން ޖެހޭ ލޯން ނެގުމުގައި މަސްވެރިންނަށް ހުރަސްތަކެއް ހުރި ކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި ލޯން މަސްވެރިންނަށް ދޫކުރާ ބޭންކާ އެކީ ވާހަކަ ދައްކައިގެން އެ ލޯން ފަރުމާކޮށްފައިވާ ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ދަށޫން ލޯން ދޫކުރާ ބޭންކަކީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) އެވެ.

"އަޅުގަނޑުމެން މި ގެނައި ބަދަލާ އެކީގައި އަޅުގަނޑު އުންމީދު ކުރަނީ ދިވެހިރާއްޖޭގެ ގިނަ ދޯނިތަކެއްގައި މި ނިޒާމް ގާއިމް ކުރެވިގެން ދާނެ ކަމަށް. މި ފެސިލިޓީގައި ގާތްގަނޑަކަށް 200 ދޯންޏަށް މި ނިޒާމް ގާއިމް ކުރެވޭނެ ވަރުގެ ބަޖެޓެއް އެލޮކޭޓް ކުރެވިފައިވާ ކަން ވެސް އަޅުގަނޑު ފާހަގަ ކުރަން"
މިނިސްޓަރު އަހްމަދު ޝިޔާމް

އެ ބަދަލާ އެކު މަސްވެރިން ދޯނި ފަހަރުގައި މި ސިސްޓަމް ގާއިމް ކުރުމަށް ފަސޭހަ ކަމާއެކު ލޯން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށާއި އަދި ގިން ދޯނި ފަހަރުގައި މި ސިސްޓަމް ގާއިމް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މި ކަމަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ގާތްގަނޑަކަށް 200 ދޯނީގައި މި ސިސްޓަމް ގާއިމް ކުރުމަށް ލޯން ދޫކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެން ވެރިކަމަށް ހާއްސަކޮށްގެން ދިރޭ އެން ގިނަ ދުވަހު ގެންގުލެވޭނެ ގޮތަށް އެންވަތް ބަދަލު ކުރުމަށް ނުވަތަ އެންވަތްތަކުގައި ނިޒާމެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ޖަޕާންގެ ސަރުކާރުގެ އެހީތެރިކަމާ އެކީގައި މިވަގުތު ދެ ދޯންޏެއްގައި އެންވަތުގައި އެ ސިސްޓަމް ގާއިމްކޮށް ޓެސްޓިން މަރުހަލާ ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި މަސައްކަތުގެ އެންމް ފަހުގެ މައުލޫމާތަށް ބަލާއިރު، މި ނިޒާމްަކީ ރަނގަޅު ނިޒާމެއް ކަމަށް ފެންނަ ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

މި ބަދަލުތައް ގެންނަން ޖެހޭ އެންމެ ބޮޑު އެއް ބޭނުމަކީ މަސް ގަންނަ އަގާ އެކު މަސްވެރިން ކުރާ ހޭދަ އާއެކު ލިބޭ އާމްދަނީ ބައްދަލު ނުވާނެތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެެހެންކަމުން މި ބަދަލުތައް ގެނައުމަށް މަސްވެރިންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ބޭންކްތައް މެދުވެރިކޮށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.