ދިވެހި ތައުލީމީ ނިޒާމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު ދިވެހި މުދައްރިސުން މަދުވުމުގެ މައްސަލަ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި، ސްކޫލްތައް ހުޅުވުމާ ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، އިސްލާމްދީނަށް ލޯބިކުރާ، ދިވެހީންގެ މިނިވަންކަމަށާއި އިސްތިގުލާލަށް ރައްކާތެރިވާ، ގައުމާ މެދު ފަޚުރުވެރިވާ، ދިވެހިވަންތަކަން ހުރި ދަރިން ބިނާކުރުމުގެ އާ ވިސްނުންތަކެއް ތައުލީމީ ނިޒާމަށް ގެނައުމުގެ ބޭނުން ކުރިއަށް ވުރެ ބޮޑު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް އެންމެ ރަނގަޅަށް ކިޔަވައިދެވޭނީ ސްކޫލްތަކުގެ ވެއްޓަކީ އުނގެނުމަށް ފަހި، އުފާވެރި ވެއްޓަކަށް ހެދިގެން ކަމަށާއި، ވުމާއެކު ދަރިވަރުންގެ އުނގެނުމަށާއި އުނގަންނައިދިނުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އުފާވެރި މާހައުލެއް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

މި ހިތާބުގައި މިނިސްޓަރު ވަނީ، ދިވެހި ތައުލީމީ ނިޒާމުގައި ފެންވަރު ރަނގަޅު ދިވެހި މުދައްރިސުން މަދުކަން ފާހަގަކުރައްވައި، ދިވެހި މުދައްރިސުން އިތުރުކުރުމަށްޓަކައި ގައުމީ ފެންވަރުގެ ޕްރޮގްރާމެއް މި އަހަރުގެ ތެރޭ ސަރުކާރުން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި މުސްތަގްބަލުގެ ޖީލު ބައްޓަންކުރަންވާނީ ޓެކްނޮލޮޖީ އާ ރަށްޓެހި ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ، އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާކުރުމަށާއި ޓެކްނޮލޮޖީ އަށް މުދައްރިސުން އަހުލުވެރިކޮށް، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ދަރިވަރުންނަށް އުނގަންނައިދިނުމަށް މުދައްރިސުން އަހުލުވެރިކުރުވުމަށް ހާއްސަ އިސްކަމެއް މި ދިރާސީ އަހަރުގެ ތެރޭ ސަރުކާރުން ދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް އުނގެނުމުގެ މައިދާނުގައި ތައުލީމާއި ކުޅިވަރު ފަދަ ތަފާތު ރޮނގުތަކުން ކުރިއަށް ދެވޭނެ މަގުތައް ތަނަވަސްވެފައި އޮތުމަކީ ގައުމުގެ ތަރައްގީއަށާއި ދަރިވަރުންގެ މުސްތަގްބަލަށް ބޭނުންތެރިކަމެއް ކަމަށެވެ. އެހެންވެ އެކަމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އޯލެވެލް ނިންމާ ދަރިވަރުން އޭލެވެލްގައި ބައިވެރިވުން އިތުރުކޮށް، ދަރިވަރުންނަށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތަކުގެ ތައުލީމާއި ތަމްރީން ލިބޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭނެ ޕްރޮގްރާމްތަކެއް ކައިރި މުސްތަގްބަލެއްގައި ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އިލްމީ ރަނގަޅު ޖީލެއް ބިނާކުރެވޭނީ މައިންބަފައިންނާއި މުދައްރިސުންނާ ގުޅިގެން ކުރެވޭ މަސައްކަތުންނެވެ.

މިނިސްޓަރު ވަނީ، އެކަކު އަނެކަކަށް އިހްތިރާމްކޮށް، އިސްލާމްދީނަށް ލޯބިކުރާ، މުޖުތަމައުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ ބަޔަކަށް ވުމަށް، ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.