މާލޭގައި ހުންނަ ގެސްޓްހައުސެއްގެ ތެރޭގައި ނޭޕާލް މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކޮށް، ބަންދުކުރި މީހަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން އެނގިއްޖެއެވެ.

މާފަންނު އަވަށުގައި ހުންނަ ގެސްޓްހައުސެއްގައި ނޭޕާލްގެ ރައްޔިތަކު ބަންދުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން ވަނީ އެ މީހާ ހޯދާފައެވެ. އަދި ރަހީނުކުރި މީހަކީ ނޭޕާލްގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އެއިން އެކަކު ދޫކޮށް އިއްޔެ ވަނީ ދެން ހުރި މީހާގެ ބަންދަށް 10 ދުވަހުގެ ބަންދެއް ޖަހާފައެވެ.

10 ދުވަހުގެ ބަންދު ޖެހި މީހާގެ ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާގެ މައްޗަށް އެ މައްސަލާގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މީހާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީއާއި ކޯޓަށް ހާޒިރުނުވެ ފިލާފާނެތީއާއި އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ މީހާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ފަރާތެއްކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި ރަހީނުކުރުމުގެ އެ އަމަލު ހިންގުމުގައި އެ މީހާގެ އިތުރުން އިތުރު ފަރާތެއް ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ކޯޓު އަމުރު ބުނެފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުންނަށް ދަޅަދައްކައިގެން ގެންގޮސް ފޭރެމުންދާ މައްސަލަތަކެއް ވެސް ވަނީ ދާދިފަހުން ވަނީ ފެންމަތިވެފައެވެ. ފުލުހުން ވަނީ ކާކުކަން ނޭނގޭ މީހުން އެ ގޮތަށް ތަންތަނަށް ދާން އެދުނު ކަމުގައި ވިޔަސް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.