96,000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އަހަރުގެ ކިޔެވުން މާދަން ފަށަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ 96،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ކިޔެވުން ފެށޭއިރު އޭގެތެރޭގައި ހިމެނެނީ 40,300 އެއްހާ އަންހެން ދަރިވަރުންނާ 42,700 އެއްހާ ފިރިހެން ދަރިވަރުންކަމަށެވެ. ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދާކަމަށާއި އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން މި ފެށޭ ދިރާސީ އަހަރު މާލެ ސަރަހައްދަށް ގްރޭޑް 1 އަށް 2,250 ދަރިވަރުން އެންރޯލް ކުރެވިފައިވާ ކަމަށާއި، ގްރޭޑު 1 ފިޔަވާ އެހެން ގްރޭޑު ތަކަށް ވަނުމަށް 2081 ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ދިރާސީ އަހަރު އަތޮޅު ތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ބަދަލުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ފެށޭ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގައި 12,662 މުދައްރިސުން މަސައްކަތް ކުރައްވާނެކަމަށާއި އެއީ 10,729 ދިވެހި މުދައްރިސުންނާއި 1,933 ބިދޭސީ މުދައްރިސުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފެށޭ ދިރާސީ އާ އަހަރު ސަރުކާރު ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވަނީ މީގެކުރިން ވިދާޅުވެފައެވެ. މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެއުމަށް ގިނަ ޕްރޮޖެކްޓުތަކެއް ރޭވިފައިވާ ކަމަށެވެ.
އެގޮތުން ޓީޗަރުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވުމުގެ އިތުރުން މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ސްކޫލްތަކުގައި ޓީޗަރުން ހޭދަކުރާ ވަގުތު މަދު ކުރުމަށް އެކަށީގެންވާ ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުން މި ފެށޭ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގައި ކިޔަވައިދޭ ގަޑިތައް ކުރުކުރަންވެސް ނިންމާފައެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް މުހައްމަދު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައިވާ ގޮތުން، މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމަށްވާ އާދީއްތަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ސްކޫލްތަކުގެ ދަންފަޅިތައް ދެ ގަޑިއިރަށް ނުވަތަ ތިން ގަޑިއިރަށް ކުރުކުރުމަށް ވަނީ ދަންނަވައިފައެވެ.