މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ނުރައްކާތައް ރާއްޖެއަށް ކުރިމަތިވަނީ ދުނިޔޭގެ ފެންވަރުގައި ހިނގާ މޫސުމީ މައްސަލަތަކުން ކަމަށާއި އެކަމުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސްމޯލް އައިލޭންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައި ގަތުމަށް ބާބިއުޑާއަށް ރައީސް ވަޑައިގެންފައި ވާ އިރު، 'ދަ ގާޑިއަން' އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑުކަމަށާއި ކަނޑުގެ ލޮނުގަނޑުން އެންމެ 1 މީޓަރު އުހުގައި އޮތް ޖަޒީރާ ރާއްޖެއަށް ލޮނުގަނޑު އުފުލުމުގެ ނުރައްކާ ބޮޑުވާކަން ދުނިޔޭގެ ސަމާލުކަމަށް މީގެ ކުރިން ގެނެސްފައި ވާ ކަމަށެވެ.
މި ނުރައްކާ އޮތްކަން ދެނެގަނެ އެކަމުން އަރައިގަތުމަށް ގައުމީ ފެންވަރުގައި މަސައްކަތްތައް ކުރާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، 1989 ގައި ސަމާލުކަމަށް ގެނައި އެ މައްސަލަ އާ މެދު މިއަދު ވެސް ދުނިޔެ ވިސްނާ އަޑުއަހާތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތައް ހައްލުކުމުގެ ބޭނުމުގައި އުފައްދާފައި އޮންނަ ފަންޑު މިއަދުވެސް އޮތީ ކަމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެކަމުގެ މާބޮޑު މަންފާއެއް ލިބެމުން ނުދާ ކަމަށެވެ.
ދުނިޔެ ހޫނުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ [ޖައްވައް ދޫކުރާ ކާބަންގެ ބާވަތްތައް ކަމަށް ވާ، ފޮސިލް ފިއުލްގެ ތެރޭގައި ހިމެނޭ ކޯލް އާއި ގޭސް] ޖައްވަން ދޫކުރުމުގައި ރާއްޖެއިން ހިއްސާ ކުރާ ޕަސެންޓަކީ 0.0003 ޕަސެންޓް ނަމަވެސް މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ ކުރާ އެއް ޖަރީޒާ ގައުމަކީ ނުވަތަ މޫސުމީ ޝިކާރައަކަށް ވާ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މައްސަލަ އަކީ، މިހާރު އޮތް މާލީ ސިޔާސަތު މިހާރަށް ނުފެތުން ކަމަށާއި ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި (ޖީޑީޕީ) އާއި އާމްދަނީ ލިބޭ ނިސްބަތް (ޖީއެންއައި) އަށް ބަލައި މާލީ އެހީލިބޭ ގިންތީގައި ރާއްޖެ ނުހިމެނުން ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަކީ ދުޅަހެޔޮ އިންޑަސްޓްރީއެއް ކަމަށް ވުމާއެކު ކުރިއަރަމުން އަންނަ އިގްތިސޯދެއް ކަމަށް ބަލައި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކަށް ލިބެން އޮންނަ މޫސުމީ ފައިސާ ރާއްޖެއަށް ލިބުމުގައި ހުރަސްތައް ހުރި ކަމަށެވެ.
ނަމަވެސް ހަގީގަތަކީ ރާއްޖެއަށް ދިމާވާ މޫސުމީ ކާރިސާތަކަށް ހައްލު ހޯދައިދިނުމުގައި މިފަދަ އިދާރާތައް [ސިޑްސް] ފެއިލްވެފައިވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެ އަކީ 90،000 ސްކެއާކިލޯމީޓަށް ފެތުރިފައި އޮތް ޖަޒީރާ ގައުމެއް ކަމަށާއި ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ކަމަށް ވާއިރު ހިކިފަސް ސަރަހައްދަކީ އެންމެ 1 ޕަސެންޓް ކަމަށެވެ.
ހަމަ އެގޮތަށް ސިޑްސް އާއެކީ އޮތް ގައުމުތަކުގެ އެތައް މިލިއަން ރައްޔިތުންގެ ގެދޮރު ގެއްލިދާ ހާލަތުގައި އޮތް އިރު މޫސޫމީ ކަންކަމަށް އެހީވާން ފައިސާ ލިބޭނެ އެންމެ އެކަށޭނަ ޕްރޮޖެކްޓްސް ނުވަތަ މަޝްރޫއު ތަކަކީ ކޮބައިކަން ވެސް އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ހަގީގަތަށް ބަލާއިރު މޫސުމީ ނުރައްކާ އޮތް ޖަޒީރާތަކުގައި ދިރިއުޅޭ އާބަދީ 65 މިލިއަނަށް އަރާ ކަމަށާއި އެކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ، ކުދި ޖަޒީރާއޭ ބުނުމުން ބައެއް މީހުނަށް ހީވަނީ އެއީ ބޭރު މީހުން ޒިޔާރަތް ކޮށްލަން އެކަނި އުފެދިފައި އޮންނަ ރަށެއް ކަމަށެވެ. ނަމަވެސް ހަމައެކަނި ވެރިރަށް މާލެ އަށް ބަލާ ނިއުޔޯކްގެ ސެންޓްރަލް ޕާކާ އަޅާ ކިޔާނަމަ އެއީ އެންމެ ދެގުނަ ބޮޑު ރަށެއް ކަމަށާއި ނަމަވެސް އެއީ ދުނިޔޭގައި އެންމެ ތޮއްޖެހިފައިވާ ވެރިރަށްތަކުގެ ތެރެއިން ރަށެއް ކަމަށެވެ. ރައީސް ވިދާޅުވީ، މާލެ އާ ޖެހިގެން ހުޅުމާލެ ހިއްކީވެސް އެ ސަބަބާ ހުރެ ކަމަށާއި އެއީ ތިމާވެށީގެ އެކިއެކި ނުރައްކާތަކަށް ވިސްނައިގެން ކަނޑުގެ ލޮނުގަނޑަށް ވުރެ 2 މީޓަރު އުސްކޮށް ހަދާފައިވާ ރަށެއް ކަމަށެވެ. އެ ރަށުގެ ވަށައިގެން ތޮށިލައި ބަފާ ޒޯން ހަދާ ކަނޑުގެ ލޮނގަނޑު އުފުލި އުފެދޭ ރާޅުތަކުން ސަލާމަތް ކުރުމަށް ޑިޒައިން ކޮށްފައި އޮތް ރަށެއް ކަމަށެވެ.
ހަމައެގޮތަށް ކަނޑު ހިއްކައިގެން ހަދަން ރާވާފައި އޮތް 'ރަސްމާލެ' އަކީ އިންޑިއާ ކަނޑުގެ ފުރަތަމަ އިކޯ ސިޓީއަށް ވާނެ ކަމަށާއި އެތަން ހިއްކާނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 3 މީޓަރު އުސްކޮށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މޫސުމީ ކާރިސާތަކާއި ބަދަލުތަކުން އަރައިގަތުމަށް ރާއްޖެ ފަދަ ގައުމުތަކުން ބަރޯސާވަނީ ބައިނަލްއަގުވާމީ މާލީ އެހީއަށް ކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ލިބޭ އެހީގައި ރަށްތަށް ބްރިޖުން ގުޅާލުމާއި ކޯސްވޭތައް ހެދުމާއި އާބަން ސެންޓަރުތައް ތަރައްގީ ކުރުމާއެކު މޫސުމީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށެވެ. އަދި ތައުލީމާއި ސިއްހީ ފަރުވާ ފުރިހަމަ ކޮށް މޫސުމީ ބަދަލުތަކަށް ހޭލުންތެރި މުޖުތަމައެއް ބިނާކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ސޯލާ އެނާޖީ ފަދަ އިއާދަކުރަނިކި ހަކަތައިގެ ދާއިރާއިން ކުރިއަރާ ދާން ބައިނަލްއަގުވާމީ މާލީ އެހީ ލިބެނެ ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ކޯ ޗެއާ ކުރާ ސިޑްސްގެ ބައްލުވުމުގައި މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް (އެމްވިއައި) ބަލައިގަތުމަށް ގޮވާލައްވާނެ ކަމަށާއި އެއީ މިހާރު މިންކުރާ ގޮތްތައް ބަދަލުކޮށް އެންމެ ނާޒުކު އަދި މޫސުމީ ގޮތުން އެންމެ ނުރައްކާވާ ތަންތަނަކަށް (ކުދި ޖަޒީރާތަކަށް) އިސްކަންދެވޭނެ ގޮތްތައް ބަޔާންކުރާ މިންގަނޑެއް ކަމަށެވެ. އެ މިންގަނޑު ސިޑްސް އިން ބަލައިގެންފި ނަމަ އެހީ ދޭ ދާއިރާތަކާއި ގޮތްތަކާއި މިންވަރު ބަދަލުވެގެން ދާނެ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ދުވެލި ކުރިއެރުވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.