ރަޝިއާގެ އާމީންގެ ޑެޕިއުޓީ ހެޑް، ލެފްޓިނެންޓް ޖެނެރަލް ވަޑިމް ޝަމަރިން އަށް ކުރެވުނު ރިޝްވަތުގެ ބޮޑު ތުހުމަތެއްގައި ހައްޔަރު ކޮށްފިއެވެ.
މިއީ މަސް ދުވަސް ތެރޭގައި ހައްޔަރު ކުރި މިފަދަ 4 ވަނަ އޮފިޝަލެވެ.
ޑިފެންސް މިނިސްޓްރީގެ މުވާޒަލާސަތާ ބެހޭ ބައިވެ ވެރިއަކަށް ވެސް ހުންނެވި ޖެނެރަލް ހައްޔަރު ކޮށް 2 މަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައި ވާ އިރު، މިއީ އަސްކަރިއްޔާ އާ ގުޅޭ އެކިއެކި ކޮންޓްރެކްޓްތައް އެކި ފަރާތްތަކަށް ދިނުމާ ގުޅޭ މައްސަލަތަކުގައި ހައްޔަރު ކުރި 4 ވަނަ އޮފިޝަލް ވެސް މެއެވެ.
މިމަހު ކުރީކޮޅު ހައްޔަރު ކުރި 2 އޮފިސަރުން ކުރެ މޭޖާ ޖެނެރަލް އިވާން ޕޮޕޯވް އަކީ ޔޫކްރައިން އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރަޝިއާގެ ކުރީ ސަފަށް އަމާޒުވާ ހަމަލާތަކުން ދިފާއުވުމަށް ހިންގާ އޮޕަރޭޝަންތަކުގެ ކޮމާންޑަރެވެ. ދެވަނަ ކޮމާންޑަރަކީ ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓުގެ ވެރިއަކަށް ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޔޫރީ ކުޒުނެސޯވް އެވެ.
އެޕްރީމް މަހުގެ ތެރޭގައި ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ޓިމޫރު އިވަނޯވް ހައްޔަރު ކޮށްފައި ވާ އިރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ސާޖީ ޝޮއިގޫވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މި ޓިމޫރު އަކީ ޝޮއިގޫއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއްވެސް މެއެވެ.
ޝޮއިގޫއަށް ވެސް ބޮޑެތި ތުހުމަތުތައް ކުރެވިފައި ވާ އިރު ޔޫކްރައިން ހަނގުރާމައިގެ ކުރީކޮޅު ކީވް ނުހިފި ދިޔަ ދިޔުމާ ގުޅިގެންވެސް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. އަދި ކުރިން މަތިންދާބޯޓެއް ގޮވާ މަރުވި ހަތިޔާރު އެޅި ޔެވްގެނީ ޕްރިގޯޒިންވެސް އޮތީ ޝޮއިގޫ އަކީ ކޮަރަޕްޓް ބޭފުޅެއް ކަމަށާއި އޭނާ މަގާމުން ދުރުކުރުމަށް ގޮވާލައި ރަޝިއާގެ ރައީސަށް ޕްރެޝާ ވެސް ކޮށްފައެވެ.
ގިނަ އޮފިޝަލުންތަކެއް ހައްޔަރު ކުރަމުން ދާ މި ސިލްސިލާގެ ދަށުން އިތުރު 3 މީހަކުވެސް ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއަކާއި ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގާ އެތައް ކުންފުންޏެއްގެ ވެރިން ހިމެނެއެވެ.
ރަޝިއާގައި ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައި އިސް ޖެނެރަލުންތަކެއް ހައްޔަރު ކޮށްފައި ވާ އިރު ޔޫކްރައިންގައި ވެސް މީގެ ކުރިން ވަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި އަސްކަރިއްޔާގެ ގިނަ އަދަދެއްގެ އޮފިޝަލުން ހައްޔަރު ކޮށްފައެވެ.