ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، (ސިޑްސް) ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ މި ކޮންފަރެސްގައި ރައީސްގެ އިތުރުން ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޓީމެއް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ކްލައިމެޓް ޗޭންޖް އެންވޯއީ އަލީ ޝަރީފް، އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދު، ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން ސަޕޯޓް ސްޓާފުންގެ ގޮތުގައި ވެސް ސަރުކާރުގެ ޓީމެއް ވަޑައިގަންނަވާނެ ކަމަށާއި ގިނަ ބޭފުޅުންގެ ހަރަދުތައް ޔޫއެންއިން ހަމަޖައްސައިދޭނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އެޗްޑީސީ އެމްޑީ ފަޒުލް ރަޝީދުގެ ހަަރަދުތައް އެޗްޑީސީގެ ފަރާތުން ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މި ކޮންފަރެސްގައި ރައީސް މުއިއްޒު 7 ސްޓޭޓްމަންޓްއެއް ދެއްވާނެ ކަމަށެވެ. ރައީސްގެ މި ދަތުރުފުޅުގެ ތަފްސީލް ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ރައީސް މި ދަތުރުފުޅު ނިންމަވާތާ 15 ދުވަހުގެ ތެރޭގައި މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށ ްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް ވިދާލޫވީ ސިޑްސްއަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ބާއްވާ ޖަލްސާ ކަމަށެވެ. އަދި މިއީ ސިޑްސްގެ 4 ވަނަ ޖަލްސާ ކަމަށާއި މި ޖަލްސާތައް ބޭއްވިގެން އަންނަނީ ކޮންމެ 10 އަހަރަކުން ކަމަށެވެ.
މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ބާއްވާ މި ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި ދެމެހެއްޓެނިވި ތަރައްގީއަށް ކުރަން ހުރި ކަންތައްތަކާމެދު މަޝްވަރާ ކުރެވިގެންދާނެކަން ތޯރިގް ފާހަގަ ކުރެއްވިއެވެ.
އެގޮތުން މި ކޮންފަރެންސްގައި ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ކުރަން ހުރި މަސައްކަތްތަކަށް އަލިއަޅުވާލެވޭނެ ކަމަށާއި އެ މަސައްކަތްތައް ތާވަލް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ނިންމޭނެ ގޮތްތައް ހޯދިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.