މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކޮލީން ހޫވާ (ކޯހޯ) ގެ އެންމެ މަގްބޫލް ވާހަކަ ފޮތް "އިޓް އެންޑްސް ވިތް އަސް" އަށް ބިނާކޮށް އުފައްދާ ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

ކޮލީންގެ ވާހަކަތަކަށް ލޯބިކުރާ އެތައް ބަޔަކު މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާއެކު ވަނީ ފިލްމަށް ކުރެވޭ އުންމީދު ބޮޑު ކަމަށް ބުނެ ފިލްމަށް އިންތިޒާރުކުރާ ވާހަކަ ބުނެފައެވެ. ކުރިން މި ފިލްމު ފެބްރުއަރީ މަހު ގެނެސްދޭން ނިންމި ނަމަވެސް ފަހުން މި ފިލްމު ޖޫން މަހަށް ރިލީޒްކުރަން ނިންމިއެވެ. ނަމަވެސް ޓްރެއިލާގައި ވާގޮތުން ނަމަ މިހާރު މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ފިލްމުގައި ލިލީ ކެރެކްޓާ ގެ ރޯލު ބްލޭކް ލައިވްލީ ކުޅޭއިރު ރައިލް ގެ ރޯލު ކުޅެނީ ޖަސްޓިން ބަލްޑޯނީއެވެ. މި ފިލްމަކީ ބަލްޑޯނީގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ ފިލްމެކެވެ. އަދި އެޓްލަސްގެ ރޯލުން ފެނިގެންދަނީ ބްރެންޑަން ސްކެލަނާއެވެ. އަދި ކުޑައިރުގެ އެޓްލަސް ރޯލު ކުޅެނީ އެލެކްސް އެވެ. ރައިލް އަކީ ނިއުރޯސާޖަން އެކެވެ. އަދ އެޓްލަސް އަކީ ޝެފެކެވެ. ފިލްމުގެ ކާސްޓުން އިއުލާންކުރުމާއެކު ފިލްމުގެ ކާސްޓުންނަށް ގިނަ ބަޔަކު ފާޑު ކީ ނަމަވެސް ޓްރެއިލާ އާއެކު އެ ވާހަކަތަކަށް މަޑުޖެހުމެއް އައެވެ. ބްލޭކްލީ އާއި ޖަސްޓިންގެ އެކްޓިން އަށް އިތުބާރުކޮށް ފޭނުން ތިބީ ފިލްމު ރިލީޒްކުރާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށެވެ. ކޮލީން ބުނީ މި ވާހަކައަކީ އޭނާއަށް ވަރަށް ހާއްސަ ފޮތެއް ކަމަށާއި އަދި އެ ފޮތަށް ފިލްމެއް އުފައްދަން ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. އޭނާ އަކީ މާ ގިނައިން ރޮވޭ މީހެއް ނޫން ކަމަށާއި ނަމަވެސް ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ވަގުތު އޭނާއަށްވެސް ރޮވުނު ކަމަށް ކޮލީން ވަނީ ބުނެފައެވެ. ފިލްމު ބަލަންދާއިރު ޓިޝޫ ހިފައިގެން ސިނަމާތަކަށް ދިޔުމަށް ކޮލީން ވަނީ އެދިފައެވެ.

https://youtu.be/DLET_u31M4M

ކޮލީން ގެ "އިޓް އެންޑްސް ވިތް އަސް" އަކީ އޭނާ ލިޔުނު ފޮތްތަކުގެ ތެރެއިން ވެސް އެންމެ މަގްބޫލު އެއް ފޮތެވެ. 20 މިލިއަނަށް ވުރެ ގިނަ ފޮތް ވިކުނު އިރު އެ ފޮތް ވެފައިވަނީ މިދިޔަ އަހަރު އެންމެ ވިކުނު ވާހަކައަށެވެ.

މި ވާހަކަ އަކީ އަސަރުން ފުރިގެންދާ ވާަހަކައެކެވެ. ކުޑަ އިރުންސުރެ ދިރިއުޅުމުގެ އެތައް ކަންތައްތަކަކާއި ކުރިމަތި ލަމުންދާ ލިލީގެ ކެރެކްޓާ ވަރަށް ފުންކޮށް މި ވާހަކައިގައި ކިޔާދީފައި ވެއެވެ. ޖިސްމާނީ ހާނިއްކަ އާއި ކައިވެނީގައި ދިމާވާ މައްސަލަތަކާއި ޓްރޯމާގެ ބައި ވާހަކައިން ވަރަށް ފުރިހަމަ އަށް ކިޔައިދީފައި ވެއެވެ. މި ވާހަކަ އިން ކިޔައިދެނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުޑަ އަވަށަކުން ބޮސްޓަން އަށް ބަދަލުވި ލިލީ ގެ ވާހަކަ އެވެ. ބޮސްޓަން އަށް ބަދަލުވުމާއެކު ލިލީ އަށް ރައިލް އާއި ދިމާވެއެވެ. އަދި ރައިލް އާއި ލިލީ ދިމާވެ ލޯބިވެ ގުޅޭ ހިސާބުން ލިލީ ގެ ކުރީގެ ލޯބިވެރިޔާ އެޓްލަސް އާދެއެވެ. އެޓްލަސް އައުމާއެކު ލިލީގެ ހަޔާތުގެ ބައިވެރިޔާ އަކަށް ހަދާނީ ކާކުކަން ހުދު ލިލީ އަށް ވެސް ނޭނގެއެވެ. މި ވާހަކައިގެ ދެވަނަ ބައި "އިޓް ސްޓާޓްސް ވިތް އަސް" ވެސް ވަނީ 2022 ވަނަ އަހަރު ނެރެފައެވެ.