ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރުގެ ކެމްޕެއިން ހަރަކާތަކަށް ހެދި ޖަގަހާގައި ރޯކޮށްލި މީހާ ބަންދުން ދޫކޮށްލައިފިއެވެ.

އެ ޖަގަހައިގާ ރޯކޮށްލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެ މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވަނީ އެ މަހުގެ 25 ވަނަ ދުވަހެވެ.

އެ މައްސަލާގައި ހައްޔަކުރީ ކުޅުދުއްފުށީ ސިޓީ ހީނާމާގެ، އުމުރުން 31 އަހަރުގެ އަންވަރު މުހައްމަދެވެ. އަންވަރު ދޫކޮށްލާފައިވަނީ އިއްޔެއެވެ.

ގަސްތުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުންދިނުމާ ގުޅިގެން އަންވަރު ހައްޔަރުކުރި ނަމަވެސް އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުގައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އަންވަރު ފިލައިގެން ދިއުމަށް މަސައްކަތްކޮށްފައިވާ ކަމަށް މިހާރު ފުލުހުންނަށް ނުބެލެވޭ ކަމަށެވެ. އަދި ކުށުގެ އަމަލު ހިނގައިފައިވާ ގޮތަށް ބަލާއިރު އަންވަރު ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ފުލުހުން އެދޭ ކަމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ ޝަރުތަށް އަންވަރު އެއްބަސްވާ ކަމަށް އެ އަމުރުގައި ވަނީ ބުނެފައވެެ.

އަންވަރު ބަންދު ކުރަން ކުރިން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އަންވަރަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހުރިއިރު އެހެން ރަށަކަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުންވެސް ކޯޓަށް ހާޒިރުނުވެ މައްސަލައަށް ފިލައިގެން ރާއްޖެއިން ބޭރަށް ދާން މަސައްކަތްކޮށްފައިވާކަމަށް އައިއޯ އާއި ހަވާލާދީ ކުރީގެ އަމުރުގައި ވަނީ ބުނެފައވެެ.

މި ތުހުމަތުތަކަށް އިންކާރުކޮށް އަންވަރު ކޯޓުގައި ބުނެފައިވަނީ، އޭނާ މަސައްކަތް ކުރީ ރާއްޖެއިން ފިލައިގެން ދާން ނޫން ކަމަށާއި ރާއްޖެއިން ބޭރަށް ދާން އުޅުނީ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ފުލުހަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓާ އޭނާ ހަވާލުވެފައިނުވާ ކަމަށާއި ޗިޓާ ހަވާލުވީ އޭނާގެ ކޮއްކޮ ކަމަށްވެސް އަންވަރު ވަނީ ބުނެފައެވެ.

އެ ޖަގަހައަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު ފަރުހަތު މުހައްމަދުގެ ޖަގަހައެވެ. އެ ޖަގަހާގައި ރޯކޮށްލި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވި ނަމަވެސް އިމާރާތުގައި ބޭނުންކުރާ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ.