އިންޑިއާގައި މިހާރު ކުރިއަށް ދާ އާންމު އިންތިހާބުގެ އެކި ކެމްޕެއިން ރެލީ ތަކުގައި މުސްލިމުންނަށް އަމާޒުވާ ގޮތަށް ރުޅިވެރިކަމުގެ ބަސްތައް ބޭނުން ކުރެއްވި ކަމަށް ބުނާ ވާހަކަ ބޮޑުވަޒީރު ނަރެންދަރަ މޯދީ ދޮގުކުރައްވައިފިއެވެ.

1.4 ބިލިއަންގެ އާބާދީގައި މުސްލިމުންގެ އަދަދަކީ 200 މިލިއަނެވެ.

މުސްލިމުންގެ ވޯޓާ ނުލައިވެސް މޯދީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީ ގެ ބައެއް ކެމްޕެއިން ރެލީތަކުގައި މުސްލިމުން ރުޅިއަންނަ ޒާތުގެ ބަސްމަގު މޯދީ ބޭނުން ކުރައްވާފައި ވާ ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ. އެގޮތުން ބީޖެޕީ އާ ވާދަ ވެރި ކޮންގްރެސްގެ ބައެއް ކެންޑިޑޭޓުން މުސްލިމުންނަށް ތާއީދު ކޮށް ވާހަކަ ދައްކާތީ އާއި ވޯޓަކީ ޖިހާދެއް ކަމަށް އެ ފަރާތްތަކުން ބުނާ ބުނުމާ މެދު މޯދީ ވިދާޅުވެފައި ވަނީ މުސްލިމުންގެ ޖިހާދަކީ ކޮބައިކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ޖިހާދު ކުރަން ކޮންގްރެސް އިން އެ ގޮވަނީ ކޮންބަޔަކާ ދެކޮޅަށް ކަންވެސް އެނގޭނެ ކަމަށެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި މޯދީގެ އެ ވާހަކަ ތަކަކީ, މުސްލިމުން ރުޅި އެރުވުމުގެ ރޫހެއްގައި ދެއްކެވި ވާހަކަތަކެކެވެ. ނަމަވެސް އެވާހަކަ ތަކާ ގުޅިގެން މޯދީ ވިދާޅުވީ މުސްލިމުން ރުޅިއެރުވި ކަމަށް ބުނެ މީހުން ވާހަކަ ދައްކާތީ 'ޝޮކެއް' ލިބިވަޑައިގެންނެވި ކަމަށާއި އެކަމާ ގުޅިގެން އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބީޖޭޕީގެ ރައީސަށް އިންޒާރުވެސް ދީފައި ވާ ކަމަށެވެ.

"މީހަކު އާއިލާ ބޮޑުކުރަން ގިނަ ދަރިން ހޯދާ ވާހަކަ ބުނާ ކޮންމެ ފަހަރަކު އެއީ މުސްލިމުންނަށް އަމާޒުވާ ވާހަކައެކޭ ބުނީ ކާކު, ކީއްވެ ކަލޭމެން މުސްލިމުންނާ ދޭތެރޭ އެގޮތަށް ދެކެނީ" މޯދީ އެހެން ވިދާޅުވީ ދެއްވި ޓީވީ އިންޓަވިއުއެއްގައި މޯދީ އާ ސުވާލުކުރަން އިން މުސްލިމް ރިޕޯޓަރާ މުހާތަބު ކުރައްވައެވެ.

"ނިކަން ބަލާބަލަ ފަގީރު އާއިލާތަކުގައި ދަރިން ގިނަ, އެއީ ކޮންމެ ނަސްލަކަށް ނިސްބަތްވި ބައެއް ނަމަވެސް އެކަން އޮތީ އެހެންނު, އަހަރެން ނުބުނަން އެއީ މުސްލިމުންނެކޭވެސް ހިންދޫންނެކޭވެސް"
މޯދީ

މޯދީ ވިދާޅުވީ އޭނާ އިޝާރަތް ކުރެއްވީ ނުބެލެއްޓޭ ވަރަށް ދަރިން ނުހޯދުމަށާއި އެދަރިން ބެލުމުގެ ޒިންމާ ދައުލަތަށް އުފުލަން އުނދާގޫވާނެ ކަމަށެވެ.