ޔޫކްރައިން ހަނގުރާމައިގެ ތެރެއަށް ނޭޓޯ އިން ވަނުމަށް ޔޫކްރައިންގެ ރައީސް ޒެލެންސްކީ ނުސީދާކޮށް ހިތްވަރު ދެއްވާފައި ވާ އިރު ހުޅަނގަށް މެސެޖެއް ދިނުމުގެ ގޮތުން ޔޫކްރައިންގެ ބޯޑަރުގައި ރަޝިއާއިން ނިއުކްލިއާ ޑްރިލް އެއް ބާއްވައިފިއެވެ.
ޔޫކްރައިން ހަނގުރާމަ އަށް 2 އަހަރު ވެގެން ގޮސްފައި ވާ އިރު ރަޝިއާއިން ހަނގުރާމައިގެ އުކުޅުތަކަށް ގެނައި ބަދަލުގައި ކާކީވެގެ އިރުއުތުރުން 9 ވިލެޖެއް ހިފާ ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. މިހާރުވެސް އެއްނަޔަކު އަނެއް ބަޔަކަށް މިސައިލާއި ޑްރޯނުން ހަމަލާ ދެމުން ގެންދާ އިރު ޒެލެންސްކީ ވަނީ ރަޝިއާ ބަލިކުރުމަށް ނޭޓޯގެ ގައުމުތަކުން ހަނގުރާމައިގެ ތެރެއަށް މިހާރަށް ވުރެ ބޮޑަށް ވަދެ އެހީތެރިވުމަށް ގޮވާލައްވާފައެވެ. އެގޮތުން ރަޝިއާގެ ހަމަލާތައް ނާކާމިޔާބު ކޮށްލުމުގައި ޔޫކްރައިން އާ ބައިވެރިވުމަށް ޔޫކްރައިންގެ ފަސްގަނޑަށް ވަދެ ހަނގުރާމަ ނުކުރެވޭ ނަމަ ނޭޓޯގެ ގައުމުތަކުގައި ތިބެ ވައިގެ މަގުން ހަމަލާ ދީ ރަޝިއާގެ މިސައިލްތައް ވައްޓާލަ ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ހުޅަނގުގެ ހަތިޔާރުން ރަޝިއާގެ ތެރެއަށް ހަމަލާ ދިނުމުގެ ހުއްދަ ދިނުމަށް ވެސް އޭނާ ވަނީ ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައެވެ.
ޔޫކްރައިން ގެ ހަނގުރާމައިގެ ތެރެއަށް ހުޅަނގުން ވަންނަމުން ދާ މައްސަލަ މީގެ ކުރިންވެސް ރަޝިއާއިން ފެންމަތި ކޮށް އިންޒާރު ދެމުން ގެންގޮސްފައި ވެއެވެ. ނަމަވެސް އޭރު އަނގަބަހުން އިންޒާރު ދިން ނަމަވެސް މިހާރު އަމަލީ ގޮތުން ހަރަކާތްތައް ވަނީ ފަށާފައެވެ. އެގޮތުން ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ޔޫކްރައިންގެ ބޯޑަރު ކައިރިއަށް ޖަމާ ކޮށް ރަޝިއާގެ މީޑިއާތަކުން މަންޒަރުތައް އާންމު ކޮށްފައި ވާ އިރު އޭގެ ތެރޭގައި އިސްކަންދަރާއި ކިންޒާލް މަރުކާގެ ހައިޕަސޮނިކް މިސައިލްތައް ހިމެނެއެވެ. މިހުރިހާ ހަތިޔާރަކީ ނިއުކްލިއާ ވޯހެޑް ހަރުކޮށްފައި ހުންނަ އެންމެ ޒަމާނީ ހަތިޔާރެވެ.
ރަޝިއާ އިން މި ޑްރިލް ބާއްވާފައި ވަނީ ހަނގުރާމަ ފެށިފަހުން ރަޝިއާ އިން ހިފި ޔޫކްރައިންގެ ދެކުނު ބިތުގެ ސަރަހައްދެއްގައި ނަމަވެސް ސީދާ އެއީ ކޮން ތަނެއް ކަމެއް ބުނެފައެއް ނުވެއެވެ.
ރަޝިއާއިން މި ޑްރިލް ކުރިއަށް ގެންގޮސްފައި ވާ އިރު އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން މީގެ ކުރިން ވިދާޅުވެފައި ވަނީ, ރަޝިއާގެ އިސްތިގުލާލަށް އުނިކަން އައިސް ސަލާމަތަށް ނުރައްކާ ވާނަމަ ކޮންމެ ފަދަ ފިޔަވަޅެއް ވެސް އަޅާނެ ކަމަށާއި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.