ރައްޔިތުންގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާއިރު، މިހާތަނަށް ބަޔާން ހުށަހަޅާފައިވަނީ 186 ކެންޑިޑޭޓުންކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

މިދިޔަ އެޕްރީލްމަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 386 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އެއީ އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން، އަދި ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުންނާއި 216 ފިރިހެނުންނާއެކު، ޖުމުލަ 238 ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި 59 ކެންޑިޑޭޓުންނާއި ޕާޓީތަކުން ވާދަކުރި 127 ކެންޑިޑޭޓުންނާއެކު ޖުމްލަ 186 ކެންޑިޑޭޓުންނެވެ.

މީގެ އިތުރުން އީސީ އިން ބުނީ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައިފިނަމަ، ގާނޫނުގައި ބުނާ ގޮތަށް އެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން، އެ ކެންޑިޑޭޓަކު އިންތިހާބުވިޔަސް، ނުވަތަ އިންތިހާބު ކާމިޔާބުނުކުރެވުނު ނަމަވެސް، އީސީއަށް ހުށަހަޅަންޖެހޭނެ ކަަމެށެވެ. އަދި މާލީ ބަޔާން ހުށަނާޅައިފިނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފައިވާނަމަ އެ ކެންޑިޑޭޓެއްގެ އަދަބަކީ، އެއް އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000.00 ރުފިޔާއިން ޖޫރިމަނާ ކުރުން ކަަމށެވެ.

މީގެ އިތުރުން އިސްމާއީލް ހަބީބް ވިދާޅުވީ ބޭންކް ސްޓޭޓްމަންޓްގައި ހުރި ހުރިހާ މުއާމަލާތަކާ ގުޅޭ ހުރިހާ ބިލެއް މާލީ ބަޔާނާއެކީ ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ފައިސާގެ މުއާމަލާތްތައް ހުންނަންޖެހެނީ އެކައުންޓުގެ ތެރެއިން ކުރެވިފައިވާކަން ފާހަގަކޮށް އިސްމާއީލް ހަބީބް ވިދާޅުވީ ކުރެވިފައިވާ ކޮންމެ މުއާމަލާތަކާ ގުޅިގެން ބިލެއް އޮންނަންޖެހޭނެކަމަށެވެ. އިތުރަށް އިސްމާއީލް ހަބީބު ވިދާޅުވީ މިހާރު މާލީ ބަޔާން އޮޑިޓްފާމަކުން ޗެކްކުރުން ލާޒިމު ނޫންކަމަށެވެ.