ވައި ގަދަވެ ވިއްސާރުވުމާ ގުޅިގެން ވެލާނާގެ ކުރިމަތީގައި ހުރި ގަހެއްގެ ބައެއް ވެއްޓި 2 ސައިކަލަކަށް ގެއްލުންތަކެއް ވެއްޖެއެވެ.

އެގޮތުން ވެލާނާގެ ކުރިމަތީގައި ހުރި މި ގަސް ވެއްޓުނު ވަގުތު ދުއްވާފައި ދިޔަ ސައިކަލަކަށާއި އެތާ ޕާކު ކޮށްފައި ހުރި ސައިކަލަކަށް ވަނީ ގެއްލުންވެފައެވެ. މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ ވިއްސާރަ ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން ހިޔާ ވަގުތީ މާކެޓުގެ ފުރާޅުން ޓިނު ގަނޑެއްވެސް ގަދަ ވަޔާއެކު ވަނީ އެއްލާލާފައެވެ.

ހިޔާ ވަގުތީ މާކެޓުގެ ފުރާޅުގަނޑު އެއްލާލާފައި --

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ބ. އަތޮޅުނެ ފެށިގެން މ. އަތޮޅަށް މިއަދުގެ 17:30 އިން 20:30 އަށް އޮރެންޖު އެލާޓު ނެރެފައެވެ. މެޓުން ބުނީ މި ސަރަހައްދަށް ގަޑިއަކު 36 މޭލާ 42 މޭލާ ދެމެދު ބާރުމިނެއްގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ވައިގަދަވެ ބައެއް ގެއްލުންތައް ލިބެމުން އަންނައިރު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހުންނަ ތަކެތި ވަޔާ ނުދާނޭ ފަދައިން ބެހެއްޓުމަށް ވެސް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން ވަނީ އެދިފައެވެ.

އެގޮތުން މި ދޭތެރެއަކުން ވަނީ ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރަމުންދާ އެޕޯލޯ ޓަވަރުގައި ޖަހާފައި ހުރި ފެންސްތަކެއް ވަޔާ ދާތީ ފުލުހުން ހަރަކާތްތެރި ވެފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދައުރުވަމުންދާއިރު ބިޔަ ފެންސެއް މަގު މައްޗަށް ވެއްޓޭ މަންޒަރު ފެނެއެވެ. އަދި އެވަގުތު މަގުމަތީ ބައެއް ވެހިކަލްތައް ދަތުރުކުރަމުންދާ މަންޒަރުވެސް ފެނެއެވެ. އެހެންކަމުން މިފަދަ ހާދިސާތަކުން ލިބިދާނެ ގެއްލުމަކަށް ރައްކަތެރިވުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ އަންގަމުންނެވެ.