ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުންދާތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ސެޕްޓެމްބަރު 11، 12 އަދި 13 ވަނަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ބެލެވެއެވެ.
ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާންމުކޮށް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
