ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއިން ފޮނުވާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު، ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މީގެ ކުރިން އަމުރުކުރީ މި މަހުގެ ނިޔަލަށް ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށެވެ. ދައުލަތުން އެދުނީ ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށެވެ.
ދައުލަތުގެ ނުކުތާތަކަށާއި ބައްސާމުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިއާޔަތްކުރުމަށް ފަހު، ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ ބައްސާމުގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު ސެޕްޓެމްބަރު 2، 2018 ގައި އަމިއްލަ މީހެއްގެ އެކައުންޓަކަށް ޖަމާކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.
މީގެ އިތުރުން އޭނާ ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފުލެޓުގެ އެޕާޓްމެންޓުގެ ކުލި ދައްކަން ވެސް އޭގެ ތެރެއިން 2،000 ޑޮލަރު ބޭނުން ކޮށްފައިވާ ކަމަށް ދައުލަތުން ކުރާ ދައުވާގައިވެއެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.
އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.