އިރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
އީރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހެދި ޑޭމް އެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސްއާއި ހާރިޖީ ވަޒީރު ހޮސައިން އަމްރު އަބްދުއްލޯހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރު އިއްޔެގެ ވަގުތެއްގައި ވަނީ ވެއްޓިފައެވެ.
އެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ މޫސުން ގޯސްވެ ބޯ ދުންފިންޏާ ހުރެ ދުރު ފެންނަ މިނަވްރު ނުސާފުވުމުން އިތުރަށް ދަތުރު ނުކުރެވިގެން އީރާނުގެ ހުޅަނގު އުތުރު ބިތުގައި އޮންނަ އުޒީ ވިލެޖާ ހިސާބުން ވަރްޒަގާން އަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް އެ ގައުމުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފަވެއެވެ.
އެ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ދިޔައިރު އެއްވެސް މީހެއްގެ ހިލަމެއް ނެތްއިރު މެހެރް ނިއުސް އެޖެންސީގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހެލިކޮޕްޓަރުން ދަތުރުކުރެއްވި ހުރިހާ ބޭފުޅުން ވަނީ އަވަހާރަވެފައެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ރައީސް ރައީސީ އާއި މިނިސްޓަރު އަބްދުﷲ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމަށާއި އެ ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިންގެ ހެޔޮ ދުއާ ވަނީ އިރާންގެ އާއިލާތަކާއެކު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.