4 ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހާގެ ބަންދު ދެވަނަ ފަހަރަށް އިތުރު ކޮށްފިއެވެ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހެވެ.
ކޯޓު އަމުރެއްގެ ދަށުން 36 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކުރީ އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިގެންނެވެ.
އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާއިރު އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ފުރަތަމަ ހާޒިރުކުރުމުން އެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. އަދި އެ މުއްދަތު ހަމަވެގެން އިއްޔެ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ހުކުމްކޮށްފައި ވަނީ އޭނާއާ ގުޅުން ހުރި ތަނަކުން މަސްތުވާތަކެތި ފެނިފައިވާތީ ކަމަށެވެ. އަދި އެ ތަކެތި ފެނުނު އެޕާޓްމެންޓަކީ ގިނަބަޔަކު ބައިވެރިވެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ އެޕާޓްމެންޓެއް ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގައިވާ ކަމަށެވެ.
މީގެއިތުރުން އެ އެޕާޓްމެންޓްގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުން ކުރެވޭނެ ތަކެތި ފެނިފައިވާ ކަމަށާއި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަަމަށް ފެންނަ ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.