އޯގަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ގާނޫނެއް އާ މަޖިލީހުގެ ތެރެއިން ހެދޭނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެެވެ.

ހަލީލް މިފަދައިން ވިދާޅުވީ ހެލްތް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަލީލް ވިދާޅުވީ އޯގަން ޓްރާންސްޕްލާންޓް ކުރުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިގެން ގާނޫނެއްގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ. އަދި އޯގަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލެއް ޓްރާންސްޕޯޓް ކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

އެ ގާނޫނު ވުޖޫދު ކުރެވުމާއެކު ރާއްޖޭގައި ވެސް އޯގަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތް ފެށިގެންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ. އަދި ބައެއް ޕްރައިވެޓް ސެކްޓާގެ ހޮސްޕިޓަލުތަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަލީލް އިތުރަށް ވިދާޅުވީ އެ ގާނޫނު ނުވަތަ އުސޫލުތައް މިހާރުން މިހާރަށް ނުހެދުނު ނަމަވެސް މަސައްކަތް ކުރަމުން ދަނީ މިހާރު ދެވެން ހުރި ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ދިނުމަށެވެ. އެގޮތުން ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަންޑިން އަދި އެހެނިހެން ވެސް ލުއިކަން، ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް މަސައްކަރް ކުރައްވާ ކަމަށް ހަލީލް ވިދާޅުވިއެވެ.