ސްޓެލްކޯގެ މުވައްޒަފެއްގެ ދަރިފުޅު ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އެހީތެރިވެދިން ސިފައިންގެ މީހާއަށް އެ ކުންފުނިން ޝުކުރު އަދާކޮށްފިއެވެ.

މި ހިނގާ މަހުގެ 8 ވަނަ ދުވަހު މެދުވެރިވި މި ހާދިސާގައި ކުޑަ ކުއްޖާއަށް އެހީތެރިކަން ފޯރުކޯށްދީފައިވަނީ ކޯސްޓްގާޑުގެ ކޯޕްރަލް މުހައްމަދު ހިޝާމް އަހުމަދުއެވެ. އެ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި ދަރިފުޅު ފިޓު ޖެހުނު ވަގުތު ގޭގައި ހުރީ އޭނާގެ އަންހެނުން އެކަނިއެވެ. އަދި އަންހެންނުން ދަރިފުޅު ހޮސްޕިޓަލަށް ގެންދަން އުރާލައިގެން ތިރިއަށް ފޭބި ވަގުތު ހިޝާމް އަށް އެ މަންޒަރު ފެނި އެހީވެދިން ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.

އެގޮތުން ހިޝާމް އެ ކުއްޖާގެ މަންމަ އަތުން ދަރިފުޅު ނަގައި، އޭނާގެ އަތްދަނޑި މަތީގައި ބާއްވައިގެން ދުވެފައި އޭޑީކޭ ހޮސްޕިޓަލާ ހިސާބަށް ގެންގޮސްދިން ކަމަށް އެ ޕޯސްޓުގައި ވެއެވެ.

"އެ ބޭފުޅާ ވަގުތުން އަތްދަނޑިމަތީ ހާޖަރު [ކުޑަ ކުއްޖާ] ބާއްވައިގެން ދުވެފައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދެއްވި، އިންސާނިއްޔަތަށްޓަކައި ތިބޭފުޅާ ތި ކޮށްދިނީ ވަރަށް ވަރަށް ވަރަށް ބޮޑު ކަމެއް." ސޯޝަލް މީޑިއާގެ ޕޯސްޓުގައި ވެއެވެ.

އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ އެ ހާދިސާ މެދުވެރިވީ އެ ކުންފުނީގެ މުވައްޒަފެއްގެ ދަރިއަކަށް ކަމަށާއި އެވަގުތު އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި އިންސާނިއްޔަތުކަމުގެ ނަމޫނާ މިސާލު ދެއްކި އެމްއެންޑީއެފްގެ މުވައްޒަފަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މި ކުންފުނީގެ މުވައްޒަފެއްގެ ދަރިފުޅަށް ފިޓު ޖެހުމާއި ގުޅިގެން އަވަސްފަރުވާދީ، އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި އިންސާނިއްޔަތުކަމުގެ ނަމޫނާ މިސާލު ދެއްކެވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޯޕްރަލް މުޙައްމަދު ހިޝާމް އަޙުމަދަށް މި ކުންފުންޏާއި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ސާބަހާއިއެކު ޝުކުރު ދަންނަވަން.
ސްޓެލްކޯ

މީގެ ކުރިންވެސް މިފަދަ ވަގުތުތަކުގައި އެކި މަގާމްތައް އަދާ ކުރާ މީހުންގެ އިތުރުން އާންމު ފަރުދުންވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ނޭވާ ހުއްޓުނު ތުއްތު ކުއްޖެއް ސަލާމަތް ކުރުމަށް ސިފައިންގެ މީހަކު އެހީތެރިވެދީފައެވެ. ހ. ފެންނާގެ 6 ވަނަ ފަންގިފިލާގައި އޮތް އުމުރުން 15 ދުވަސްވީ ތުއްތު އެ ކުއްޖާގެ ނޭވާ ހުއްޓިގެން ސިއްހީ އަވަސް ފަރުވާއަށް އެފަހަރު އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ޕްރައިވެޓް އިބްރާހިމް ސިނާންއެވެ.

އަދި ހަމައެހެންމެ ކޮވިޑްގެ އާލަމީ ވަބާގެ ތެރެއިން ހާލު ބޮޑުވި އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކު ސަލާމަތް ކޮށްދީފައިވަނީ ފުލުހެކެވެ. އަދި ފުލުހުންގެ ހިދުމަތުން އެ ފުލުސް އޮފިސަރުގެ އަގުވަޒަން ކޮށްދީފައިވެސް ވެއެވެ.