1948 ގައި އިޒްރޭލުން ހިންގި ނަކްބާ ހަނގުރާމައިގައި 750,000 މީހުން ވަޒަނުން ބޭރުކޮށް, ބިންތަކަށް ވެރިވެގަން ގޮތަށް މިހާރު ހިނގާ ހަނގުރާމައިގައި ހިފި ގާޒާގެ ސަރަހައްދު ތަކުގައި ވަޒަން ވެރިވާން ޔަހޫދީންނަށް ގޮވާލައިފިއެވެ.
އިޒްރޭލު އުފަންވި ތާ 76 އަހަރު ފުރުން މިހާރު ފާހަގަ ކުރަމުން ދާ އިރު ކަނާއަތުފިޔައިގެ ހަރުކަށި ވަޒީރުން ގޮވާލަމުން ދަނީ ގާޒާ އަކީ އެމީހުންގެ އަމިއްލަ ބިމެއް ކަމަށާއި އެތާނގައި ވަޒަންވެރިވާން ތައްޔާރު ކަމަށެވެ. އަދި އެކަމުގައި ވޮލަންޓިއާ ކޮށްގެން ދާން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް ފުރުސަތު އޮތް ކަމަށް ވެސް ބުނެފައި ވެއެވެ.
ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާ މުޅިން ހިލާފު މިއަމަލު އިޒްރޭލުން ހިންގަން ޕްލޭން ކޮށްފައި ވަނީ, 10 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ޕެކޭޖެއްގެ ދަށުން ގެދޮރާއި ވަސީލަތްތަކާއި އެހެނިހެން ހިދުމަތްތައް ވެސް ވަޒަންވެރިންނަށް ލިބޭ ގޮތަށެވެ. އެގޮތުން ގާޒާގެ ރީތި ގޮނޑުދޮށްތައް ހިމެނޭހެން މުޅި ގާޒާގެ ތެރެއަށް ފެތުރިގެން ދާގޮތަށް އާބާދީތައް ފަތުލާރަންވެސް ޕްލޭން ކޮށްފައި ވެއެވެ.
މިކަމާ ގުޅޭ މަހާސިންތާއެއް ދާދި ފަހުން އިޒްރޭލުގައި ބާއްވާފައި ވާ އިރު އެ މަހާސިންތާ އަށް ދިޔަ ބައެއް އާންމުން ބުނެފައި ވަނީ, ގާޒާގެ ގޮނޑުދޮށުން ގެއެއް ލިބޭ އިރު އެ ބޭނުން ނުކުރާނީ ކާކުހެއްޔެވެ. އަދި ހުޅުވާލި ފުރުސަތުގައި ނަން ނޯޓު ކޮށްފައި ވާ ކަމަށާއި ލަސްތަކެއް ނުވެ ގާޒާގެ ގޮނޑުދޮށުގައި ރާފުޅި ހިފައިގެން އިނދެލަން ބޭނުންވާ ކަމަށް ވެސް އަލްޖަޒީރާ އާ ވާހަކަ ދެއްކި އާންމުންގެ މީހަކު ބުނެފައި ވެއެވެ.
އިޒްރޭލުން ގާޒާ އާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ފާއިތުވި 2 ދުވަހު އިތުރަށް ވަރުގަދަ ކޮށްފައި ވާ އިރު, އުތުރުން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ޓޭންކަރުތަކުގައި ވަދެގަނެ ހަމަލާ ދީ އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ. ހަބަރުތައް ބުނާގޮތުން, މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ކޭމްޕުގެ އެތެރެއަށް ވަނުމުގެ ފުރުސަތު އިޒްރޭލުން ބަންދު ކޮށްފައި ވުމުން ޝަހީދު ވީ އަދި ޒަހަމްވީ އަދި އިމާރާތްތަކުގެ ދަށުވީ ކިތައް މީހުން ކަމެއް ސާފު ނުވާކަމަށް ބުނެއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ޖަބަލިއާގެ ބޭރުން މާ ދުރުގައި ތިބެން ޖެހިފައި ވާ އިރު ޒަހަމްވާ މީހަކު ހަސްފަތާލާ ހަމައަށް ގެންދެވެނީ އެމީހަކު ލޫދިފައި ނުވަތަ ކޮރު ޖަހަމުން އެމީހުނާ ހަމައަށް ފޯރައިފި ނަމައެވެ.
ގާޒާގެ ދެކުނުން ރަފާ ގައި އިޒްރޭލުން ހިންގާ އުދުވާނުގައި ވެސް ބޮޑުތަނުން އެތެރެއަށް ވަދެ 450,000 އެއްހާ މީހުން ވަނީ ފަހާލާފައެވެ. ޖަބަލިއާ ސަރަހައްދުންވެސް 100,000 އެއްހާ މީހުން ސަލާމަތްވާން އަލް މަވާސީ އަށް ވަނީ ވަދެފައެވެ. 1.4 މިލިއަން މީހުން ތިބި ރަފާގެ ތެރެއަށް އިޒްރޭލުން ހަމަލާ ދެމުން ގެންދާ އިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ 98 މީހަކު ޝަހީދު ކޮށްލާފައެވެ.
އެހެން ބައެއް ހަބަރުތައް ބުނާގޮތުން, ޖަބާލިޔާ އާއި ރަފާގެ އިރުމަތީގައި ހަމާސްގެ މުޖާހިދުން އިޒްރޭލުގެ ފައުޖުތަކަށް އަމާޒުކޮށް ބަޑިޖަހަމުން އެބަގެންދެއެވެ. މި 2 ސަރަހައްދުގައި ވަރުގަދައަށް ހަމަލާ ބަދަލު ކުރަމުން ދާ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައި ވީ ނަމަވެސް ޔަހޫދީ ސިފައިންގެ ތެރެއިން މަރުވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.
އެމެރިކާއިން އިޒްރޭލަށް ދޭން ނިންމި ހަތިޔާރު ޝިޕްމަންޓެއްގެ ތެރެއިން 3500 ބޮން ހިފެހެއްޓި ނަމަވެސް, އިޒްރޭލަށް ހަރިޔާރު މަދު ނުވާ ކަމަށް މުރާސިލުން ބުނެއެވެ. އިނގިރޭސިވިލާތާއި, ޖަރުމަނާއި ފްރާންސުން ގެންދަނީ ހަރިޔާރު ފޯރުކޮށްދެމުންނެވެ. އަދި އެމެރިކާއިން ވެސް ވަނީ 14 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ ގިނަ ހަތިޔާރު އިޒްރޭލަށް ފޯރުކޮށްދީފައެވެ. އަދި މިހާރު ޝިޕްމަންޓެއް ހިފެހެއްޓި އިރު އިތުރު 1 ބިލިއަން ޑޮލަރުގެ ޕެކޭޖެއްގެ ދަށުން ހަތިޔާރު ފޮނުވަން ތައްޔާރުވަމުން ދާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ހުޅަނގުގެ ހަތިޔާރު ބޭނުން ކޮށްގެން އިޒްރޭލުން މުސްލިމުން މަރަމުން ގެންދާ އިރު, ބޮޑެތި އަރަބި ގައުމުތަކުން އިޒްރޭލު ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ގަތަރާއި މިސްރު އަދި އުރުދުން އިން ކޮންމެވެސް ވަރެއްގެ ދައުރެއް އަދާ ކުރި ނަމަވެސް ސައުދީ އިން އެކަމުގައި އެއްގޮތަކަށް ވެސް އަޅައެއް ނުލައެވެ.
އިޒްރޭލުން ގާޒާ ހަނގުރާމަ ފެށިފަހުން މިހާތަނަށް 35,173 މީހަކު ޝަހީދު ކޮށްލައި 79,061 މީހަކު ވަނީ ޒަހަމް ކޮށްލާފައެވެ.